ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ގާއިމްކުރުމަށް ނިންމައިފި އެވެ.
ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ގާއިމުކުރަން ބޭނުންވާ ބިން ހޯދުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އޯޝަން ކަނެކްޓް މޯލްޑިވްސް އޯސީއެމް އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޯސީއެމްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝިހާބެވެ. މިކަމަށް ބޭނުންވާ ބިން ހަމަޖައްސާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.
އޯސީއެމްއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާ އެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފަ އެވެ.
ސަރުކާރުން އަޅާ ސަބްމެރިން ކޭބަލްގެ މި މަޝްރޫޢު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫކަށެވެ. މި ކޭބަލް ހުޅުމާލެ ފޭސް 2 ގައި އަޅާނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އަދި އޭރަށް އެ ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް އޯސީއެމްއިން ލަފާކުރެ އެވެ. ސަބްމެރިން ކޭބަލް އެޅުމުގެ ފުރަތަމަ މަރުހަލާއަކީ ސާރވޭއެއް ކުރުމެވެ. މި މަސައްކަތް މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީ އާއި ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާ ވެސް ގުޅާލެވޭނެ އެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.