ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ ހުޅުމާލެއިން ދެވަނަ ފްލެޓެއް ބައްލަވައިގެންފި އެވެ.

މެމްބަރު މުޣްނީ ރައްޔިތުންގެ މަޖިލީހަށް އެންމެ ފަހުން ހުށަހެޅުއްވބި މާލީ ބަޔާނުގައި ބިން ނުވަތަ އިމާރާތް ނުވަތަ ފްލެޓް ފަދަ ތަކެތީގެ ބައިގައި، އޭނާގެ މިލްކިއްޔާތުގައި ތިން މިލިއަށް ރުފިޔާގެ ފްލެޓެއް އަމީން އެވެނިއުގައި ހުރި ކަމަށް ބަޔާންކޮށްފައިވެ އެވެ. މާލީ ބަޔާނުގައިވާގޮތުން އެފްލެޓަކީ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ރައްކާކޮށްފައިވާ ފައިސާ އިން 2016 ވަނަ އަހަރު ބައްލަވައިގެންނެވި ފްލެޓެކެވެ.

މެމްބަރު މުޣްނީ ދެވަނަ ފްލެޓެއް ބައްލަވައިގެނެވިކަން ހާމަވީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ އެފްލެޓް އަބްދުލް މުޣުނީ ގަނެ، ވިޔަފާރި އަގުދުކޮށް، ވިޔަފާރީގެ އަގު ޚަލާސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރި ސައްހަކަމަށާއި، އެ ވިޔަފާރީގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމީން އެވެނިއު ޓީކް ގޯތީގެ އެއްމެދު އިމާރާތުގެ ފްލެޓް އެ ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު އެ ފްލެޓް މުޣުނީ އަށް މިލްކުކޮށްދޭ ކަމަށް އެ ހުކުމްގައިވެ އެވެ.

ހުޅުމާލޭ އަމީން އެވެނިއުގެ ދެ ފްލެޓްގެ އިތުރުން މުޣުނީގެ މިލްކިއްޔާތުގައި ގދ. ތިނަދޫގައި ވެސް ގެއެއް އެބަހުއްޓެވެ.