ދޯހާ (7 ޑިސެމްބަރު) – ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ 11ގައި ކުޅުނު ފޯވަޑް ގޮންސަލޯ ރާމޮސްގެ ހެޓްރިކަކާއެކު، ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ސްވިޓްޒަލޭންޑް އަތުން 6-1 އިން މޮޅުވެ، ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދެކުނު ކޮރެއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަދަލުކުރުމުން ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ނުރުހުން ފާޅުކުރިއެވެ. މިކަމާމެދު ހިތްހަމަނުޖެހޭކަން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ވަނީ މީޑިއާގައި ބުނެފަ އެވެ. އަދި މިރޭގެ މެޗުގައި ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ފުރުސަތު ދޭނެކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. ރޭގެ މެޗަކީ 2008 ވަނަ އަހަރުގެ ފެށިގެން ބައިނަލްއަޤުވާމީ މުބާރާތެއްގައި ޕޯޗުގަލް ޓީމުގެ ފުރަތަމަ 11 އިން ރޮނާލްޑޯ އަށް ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯގެ ބަދަލުގައި ޕޯޗުގަލްގެ ކޯޗު ސަންތޯސް ރޭގެ މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ބެންފީކާގެ ޒުވާން ފޯވަޑް ރާމޮސްއަށެވެ. މިއީ ވޯލްޑް ކަޕްގައި ރާމޮސް ،21، ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ރާމޮސް ލީޑު ހޯދައިދިނީ މޮޅު ގޯލަކުންނެވެ. ޑިފެންޑަރެއް ކައިރީގައި ވިއްދާފައި ހުއްޓައި، ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ކޮންޓުރޯލްކޮށް، ގޯލާ ދިމާލަށް އެނބުރުލުމަށް ފަހު، ހަނި އޭންގަލް އިން އޭނާ ފޮނުވާލި ބާރު ޝޮޓު ވަނީ ގޯލުގެ ތެރެއަށްވަދެފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ޕޯޗުގަލްގެ ބުރޫނޯ ފެނާންޑޭޒް ކޯނަރަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް އަމާޒުކޮށް، ޕޯޗުގަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެޕޭ އެވެ.

ދެވަނަ ހާފުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ޕޯޗުގަލްގެ ރާމޮސް އާއި ރަފައެލް ގުއެރޭރޯ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

ކޯނަރަކުން ލިބުނު ފުރުސަތެއްގައި ސްވިޓްޒަލޭންޑްގެ ޑިފެންޑަރު މެނުއެލް އަކާންޖީ އެވެ.

ރާމޮސް ހެޓްރިކް ފުރިހަމަކުރީ މެޗުގެ 67 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކެވެ.

މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ހަ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފޯވަޑް ރަފައެލް ލިއާއޯ އެވެ.

ކުއާޓާ ފައިނަލްގެ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ މޮރޮކޯ އެވެ.