ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިއްޔެ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، އެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

މިގޮތުން، އަންނަ ޖަނަވަރީ މަހު ފެށޭ "މެންޓަލް ހެލްތް ކެއާ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް" ޓްރެއިނިންގް ކޯހުގައި ތިން ދިވެހިން ބައިވެރި ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ޚިދްމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ. އަދި، މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުންނެވެ.

ރައީސްގެ އަނބިކަނބަލުން މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީއިން އެރުވި ދަޢުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.