ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަސީހު ޕޮލިސް ބޯޑަށް އައްޔަން ކުރެއްވީ އެ ބޯޑުގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި އަލީ ފާއިޒުގެ ބަދަލުގައި ކަމަށެވެ.

ބޯޑުގެ އެއް ގޮނޑި ހުސްވީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލީ ފާއިޒު ހަމަޖެއްސުމުންނެވެ.

އާ މެމްބަރު ފަސީހު އަކީ ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވީ 2012 ގައި އެވެ.

ފަސީހުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފަ އެވެ. އޭގެފަހުން ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.

"ޕޮލިސް ބޯޑު"ގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޮލިސް ބޯޑް އެކުލަވައިލެއްވީ އޭޕްރީލް 2021 ގަ އެވެ.