ސައިބަ ސްޕޭސް މެދިވެރިކޮށް އަންނަ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަން ހުއްޓުވުމަށް ސައިބަ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އަލަށް އެކުލަވާލާ ސައިބަ ސެކިއުރިޓީ އާ ގުޅޭ ގާނޫނުގެ ދަށުންނެވެ.
ސައިބަ ސްޕޭސް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުއްތައް ފަހަކަށް އައިސް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން ވެބްސައިޓްތަކަށް ހަމަލާދީ ހުއްޓުވާލަން މަސައްކަތްކުރުމާއި އެކި އިދާރާތަކުން ޑޭޓާތައް ވަގަށް ނަގައިގެން ވިއްކުމާއި އޮޅުވާލައިގެން މީހުންގެ މައުލޫމާތު ހޯދުމާއި، މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތަކުގައި މިލިއަނުން ރުފިޔާ ނަގަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިފަދަ ކުއްތައް ހުޓުވައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް އެކަށެއެޅުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން މި ދާއިރާގެ ތިން ބިލެއް، މަޖީލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފޮނުވާފަ އެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ޕީއެސްއެމްއަށް ދާދިފަހުން ވިދާޅުވެފައި ވަނީ އިންޓަނެޓާއި ސައިބަ ސްޕޭސްގައި ކުރާ ކުށްތައް ހުޓުވުމަށް 4 ދާއިރާއަކުން މަސައްކަތްތައް ފަށަފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފްކުރުމާއި މުއައްސަސާތައް ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށް "ސައިބަ ސޭފް މޯލްޑިވްސް" ކެމްޕެއިން ހިންގުމާއި، ތިން ގާނޫނަކަށް އިސްލާހު ގެނައުމާއި ސައިބަ އޮރޭޝަން ސެކިއުރިޓީ ސެންޓަރު (ސޮކް) ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
"މީގެ ބޭނުމަކީ ސައިބަ ސްޕޭސް ބަލާ ނުރައްކާ ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅުއެޅުން. މިހާރު ފިޔަވަޅު އެޅެނީ ކަމެއް ދީމާވީމަ. ނަމަވެސް މިފަދަ ސެންޓަރަކާއެކު، އަބަދުވެސް ސައިބަ ވެށި ބަލާ ފާރަވެރިވެވޭނެ ގޮތެއް ހޯދޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ މި ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދާނީ އެންސީއައިޓީގެ ތެރެއިން ކަމަށެވެ. ނަމަވެސް ގާނޫނާއެކު މަސައްކަތުގެ އިދާރީ އޮނިގަނޑު ރަނގަޅުކޮށް މަސައްކަތްތައް ރާވާ ހިންގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.