ކާބުލް (13 ޑިސެމްބަރު) - އަފްޣާނިސްތާނުގެ ޓޫރިސްޓު ހޮޓަލަކަށް ބަޑިން ހަމަލާ ދީ އެ ހޮޓަލުގައި ތިބި މީހުންތަކެއް ޒަހަމް ކޮށްލައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ހަތިޔާރު އަޅައިގެން ތިބި މީހުންތަކެއް އެ ހޮޓަލަށް ވަދެ ބަޑި ޖަހަން ފަށާފައިވާއިރު އެ އިމާރާތުން ބާރު ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހަމަލާގައި ހޮޓަލުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެއްވެސް މީހަކު މަރު ނުވި ނަމަވެސް ދެ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.

ވެރިރަށް ކާބުލްގެ މެދުގައި ހުންނަ އެ ހޮޓަލަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ހޮޓަލެކެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ ޗައިނާ ފަތުރުވެރިން އެ ހޮޓަލުގައި މަޑުކުރެ އެވެ.

ހަމަލާއާއެކު ސަލާމަތީ ބާރުތަކުން އެ ސަރަހައްދަށް އައިސް ހަމަލާ ދިން މީހުންގެ ތެރެއިން ތިން މީހަކު މަރާލާފައިވާ ކަމަށް ތާލިބާން ސަރުކާރުން ހާމަކޮށްފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައި ނުވާއިރު ކުރަން ޖެހޭ އިތުރު ތަހުގީގުތައް ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ