ގދ. ގައްދޫގައި ތަރައްގީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ކުރުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ގައްދޫ ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ސިލިކް ލަންކާއާ އެވެ.
ގައްދޫ ކައުންސިލާއި ސިލިކްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔުތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގައްދޫ ކައުންސިލުން ބުނީ މިމަޝްރޫއަކީ ފަސް މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ ކަމަށެވެ.
މި މަޝްރޫއުގެ ތެރޭގައި އޮޕަރޭޝަންގެ 60 އިންސައްތަ މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ހިމެނުމާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ގާއިމްކުރުން ހިމެނެ އެވެ.
މީގެ އިތުރުން ދަޅު މަސް ބަންދުކުރުމާއި، 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ގާއިމްކުރުމާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމްކުރުމާއި، 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްލާސްޓް ފްރީޒަރެއް ބެހެއްޓުމުގެ އިތުރަށް އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމްކުރުން ހިމެނެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މިމަޝްރޫއުގެ މަސައްކަތް ފަށާތާ އެއް އަހަރުގެ ތެރޭގައި މަޝްރޫއު ނިންމުމަށް ގައްދޫ ކައުންސިލުން މަސައްކަތް ކުރެ އެވެ.
ގޭދޮށު މަސްފެކްޓްރީއެއް އެޅުމަށް ކައުންސިލުން އެޅި ފިޔަވަޅަކީ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ފިޔަވަޅެއް ކަމަށާއި މި މަސް ފެކްޓްރީގެ ސަބަބުން މުޅި ގައްދޫ އަދި ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ފައިދާ ކުރާނެކަމަށް ގައްދޫ ކައުންސިލުން ހާމަކުރެ އެވެ.މިފްކޯ އިން ވަނީ ގައްދޫގައި މިހާރު ހުރި 25 ޓަނުގެ އައިސް ޕްލާންޓް 50 ޓަނުގެ ތަނަކަށް ހެދުމަށް ނިންމާ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.