ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ކުރިއަރަމުން އަންނަ ބަތަލާ އާތިޔާ ޝެޓީ އާއި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އަންނަ މަހުގެ 23 ގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިޔާ އާއި ރާހުލްގެ ކައިވެނީގެ ހަފްލާ އަންނަ މަހުގެ 21 އިން ފެށިގެން 23 ނިޔަލަށް ކުރިއަށްދާނެ އެވެ. މިހާރު ދެ ފަރާތުގެ އާއިލާއިން ވެސް ކައިވެންޏަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. މި ހަފްތާ ތެރޭގައި ކައިވެނީގެ ދައުވަތު ކާޑުތައް ފޮނުވަން ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކައިވެނި ބޭއްވުމަށް ހަމަޖެހިފައި ވަނީ މުމްބައީގައި ހުންނަ އަނިލް ޝެއްޓީގެ ގޭގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ. އެ އިމާރާތުގެ ފިނިޝިން މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށް ވެ އެވެ.
2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އާތިޔާ އާއި ކޭއެލް ރާހޫލް ރައްޓެހިވެގެން އުޅާތާ މިހާރު ތިން އަހަރު ވަނީ ވެފަ އެވެ.
މިކައިވެންޏަކީ ބޮލީވުޑްގެ އަންނަ އަހަރުގެ ފުރަތަމަ ކައިވެންޏަށް ވެގެންދާނެ އެވެ.