އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

އޭސީސީގެ އޮފިޝަލަކު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އޭސީސީ ކޮމިޝަނަށް ހާޒިރުވާން އަންގަވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މީގެ ކުރިން ވެސް މި މައްސަލައިގެ ތަހުގީގަށް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވާއިރު، ދުންޔާގެ ފަރާތުން އޭސީސީއަށް ހާޒިރުވީ އޭނާގެ ޤާނޫނީ ވަކީލެވެ. އަދި މިއަދުވެސް ދުންޔާ އޭސީސީއަށް ހާޒިރު ވާނެކަމަށް އަދި ކަށަވަރުކޮށްދެއްވާފައެއް ނުވެ އެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކުރި އިރު ދުންޔާއަށް 200،000 ރުފިޔާ ލިބިފައިވާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެހެންނަމަވެސް ދުންޔާ ވަނީ އެ ފައިސާ ލިބިފައި ނުވާކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.