ދައުލަތުން އެންމެ ރުފިޔާ އެއްވެސް ވަގަށް ނުނަގާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގަވާފައިވަނިކޮށެވެ.

މިކަން ފާހަގަކުރައްވައި ދުންޔާ ޓްވީޓެއް ކުރައްވާފައިވާއިރު، ހިޔާނާތުގެ މައްސަލައިގައި އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ. އަދި ދުންޔާއަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެއީ ފުރައްސާރަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ އަދި ސަރުކާރުގެ އެންމެ ރުފިޔާއެއްވެސް އަޅުގަނޑު ވަގަށް ނުނަގަން. މިއަދު އޭސީސީއަށް ވަނީ ހާޒިރުކޮށް، އިންސާފާއި ތެދަށް އަބަދުވެސް ވަކާލާތު ކުރާނަން." ދުންޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ދުންޔާ ވަނީ އެ ޓްވީޓްގައި އޭނާ އޭސީސީގައި އިންނަވައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ފޮޓޯގައި ދުންޔާގެ ފިރިމީހާ އާއި ގާނޫނީ ވަކީލު ޝުވައިބު ޝާހް ފެނެ އެވެ.

މީގެ ކުރިން ވެސް މި މައްސަލައިގެ ތަހުގީގަށް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވާއިރު، ދުންޔާގެ ފަރާތުން އޭސީސީއަށް ހާޒިރުވީ އޭނާގެ ގާނޫނީ ވަކީލެވެ.

ދުންޔާއަށް ކުރާ ތުހުމަތަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކުރި އިރު ދުންޔާއަށް 200،000 ރުފިޔާ ލިބިފައިވާކަމުގެ ތުހުމަތެވެ. އެހެންނަމަވެސް ދުންޔާ ވަނީ އެ ފައިސާ ލިބިފައި ނުވާކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.