ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި އޮތް ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން އިހްތިޖާޖުކުރި ޓީޗަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ
ގާޒީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުން މިއަދު ވަނީ އެސްކޫލުގައި އިހްތިޖާޖުކޮށްފަ އެވެ. ޓީޗަރުން އިހްތިޖާޖުކޮށްފައިވަނީ ބެލެނިވެރިންގެ ފަރާތުން ސްކޫލަށް ލިބޭ ތަކެއްޗާއި، ބެޖެޓު ފައިސާ އަދި އެކި ގޮތްގޮތުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ކަމަށް ބުނެ އެވެ.
އެ އިހުތިޖާޖުގައި ޓީޗަރުންވަނީ، ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުކުރެވޭ ސްކޫލުގެ އެޑްމިނިސްޓްރޭޓަރަކަށް ފިޔަވަޅު ނާޅައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓުމެންޓަކަށް ބަދަލުކުރި ކަމަށް ބުނެ ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ސްކޫލުން މާލިއްޔަތު ގަވައިދާއި ހިލާފަށް ކަންކަން ކޮށްފައިވާތީ މިނިސްޓްރީން އޮޑިޓެއް ހަދައިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ނިމި ރިޕޯޓް ވެސް އެކުލަވާލާ މުވައްޒަފުންނާއި މެދު އިސްލާހީ ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މުވައްޒަފަކާއި މެދު އެޅި ފިޔަވަޅެއް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިނުވެ އެވެ.
އޭގެ އިތުރުން އެ ރިޕޯޓް އެކުލަވާލި ފަހުން ހުށަހެޅި ގާޒީ ސްކޫލުގެ ދެ މުވައްޒަފަކު ޑޮކިއުމަންޓް ފޯޖުކުރި މައްސަލަވެސް ބަލަމުންދާ ކަމަށާއި އަދި ސްކޫލުގެ މުވައްޒަފަކު ސްކޫލަށް ލިބުނު ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް ވެސް ބަލަން ފަށައި ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
"ދެ ކަމަކީ ވެސް އޭގައި ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކަށް ވާތީ އެ މައްސަލަތައް އިތުރަށް ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ހުށަހަޅާފައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެޑީއުކޭޝަން މިނިސްޓްރީން ބުނީ ގާޒީ ސްކޫލުގެ ކުރީގެ އެޑްމިނިސްޓްރޭޓަރު މިސްޓްރީއަށް ބަދަލުކުރީ ޕްރޮމޯޝަނެއްގެ ގޮތުގައި ނޫން ކަމަށާއި ނަމަވެސް އޭނާ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާއިރު ސްކޫލުގެ މަގާމެއްގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.
"އެ ބަދަލު ގެނެވުނީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލާ ފޯނުން ގުޅައި އެކަމުގެ މައުލޫމާތު އެ ފަރާތާ ހިއްސާކޮށް މަޝްވަރާ ކުރުމަށް ފަހުގައި. އެޑްމިނިސްޓްރޭޓަރަށް މި މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީ ގޮތުން ބަދަލު ކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތަކު ނޫން. އަދި އެ ފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލުކުރުމެއްގެ ގޮތަކު ނޫން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ގާޒީ ސްކޫލުގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ހަގީގަތް އޮޅޭ ފަދަ ވާހަކަތައް މީޑިއާގައި ނުފެތުރުމަށާއި އަދި އެ މައްސަލައިގައި ޖަވާބު ދާރީ ވާން ޖެހޭ ފަރާތްތަކަށް ޖަވާބު ދާރިވުމުގެ ފުރުސަތު ދިނުމަށްފަހު ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ގާޒީ ސްކޫލުގެ މުވައްޒަފުން ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ސްކޫލުގެ ސެކިއުރިޓީ ނުހައްގުން ގަވައިދާ ހިލާފަށް ބަޔަކާއި ހަވާލުކުރުމާއި ސްކޫލުގެ ޕީޓީއޭއިން ހިންގާފައިވާ ހަރަކާތްތަކުން ލިބުނު ފައިސާ ސްކޫލުގެ ބަޖެޓަށް ނުވަނުން ހިމެނެ އެވެ.
އޭގެ އިތުރުން ސްކޫލު މަރާމާތުކުރަން އަންނަ ފަރާތްތަކުން ސްކޫލުގެ މުވައްޒަފުންނަށް ޖެއްސުން ކުރުމާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރިޔާޒާ އަމިއްލައަށް ގަވައިދުތަކެއް ކަނޑައެޅުމާއި މަސައްކަތުގެ ބިރު ދެއްކުން ވެސް ފާހަގަކޮށްފައިވެ އެވެ.