އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އަށް ދައުވާކުރުމާ މެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.
ޕީޖީ އޮފީހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ދައުވާކުރަން މިމަހު ފަހުކޮޅު ފޮނުވާނެ ކަމަށެވެ.
ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.
ޝިއާއުގެ މަރާ ގުޅިގެން 45 މީހުންނަށްވުރެ ގިނަ މީހުންނާ މިހާތަނަށް ސުވާލުކޮށް އިތުރު ސިސީޓީވީ ފުޓޭޖުތައް ދިރާސާކޮށްފައިވެ އެވެ.
ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ. ޝިއާއުގެ މަރާއި ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.