ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރަި ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލަކީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ވަނީ މިދިޔަ މަހުގެ 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކޮށްފަ އެވެ.

އަލަށް ފާސްކުރި ބިލުގައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެކެވެ.

މި ޤާނޫނުގައި ވާގޮތުން ހަތްދުވަހުގެ ތެރޭގައި އެކަން ނުކުރާނަމަ، ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު 10،000 އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ބިލުގައި ވެ އެވެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިނުކުރެއްވިއްޖެ ހާލަތެއްގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ސޮއިނުކުރެވިއްޖެ ހާލަތެއްގައި ބެލެނިވެރިޔަކަށް ސޮއިކުރެވޭ ގޮތަށް ވެސް ހަދަން ނިންމައި އެ ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގެ ތަފުސީލު

• ރަށް ނުވަތަ ސިޓީ ކައުންސިލުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފުތަރެއް ބެލެހެއްޓުން.

• ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށް ފަހު، މަރުވި މިހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އެންގުން.

• ފޫޅުމާ ފޯމު، އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަަ ނޫން ބަދަލެއް ގެނެސްފި ނަމަ، އާންމު މީހަކު 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

• އެފަދަ އަމަލެއް ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.