ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ދެން ކުރިމަތިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ގއ. މާމެންދޫގައި އިމާރާތްކުރި އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތަށް މި ސަރުކާރުން ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާވަރަށް ކަންކަން ކުރިއަށް ގެންދަވާ ކަމަށެވެ. ރާއްޖޭގެ ތަރައްގީގައި ކުރިއާ އަޅާބަލާއިރު މިހާރު އޮތް ހާލަތު ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މީގެ 14 އަހަރު ކުރިން ރާއްޖެއަކީ މިޑްލް އިންކަމް ގައުމެއްގެ ގޮތުގައި ކަނޑައެޅި އާމްދަނީ ބޮޑުވެގެން ދިޔަ ނަމަވެސް އެއްވެސް ވެރިކަމެއްގައި އެއްވެސް ސަރުކާރަކުން ވިސްނާފައި ނެތީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާ މެދު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުވެ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މާމެންދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ކަންކަން އިޢުލާނުކުރައްވާފަ އެވެ.

ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު އަދި ބޮޑު ކަމަކަށް އޮތީ އެރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމެވެ.

މާމެންދޫގެ އުތުރު ފަރާތުގެ ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު މިއީ މުޅި އެސަރަހައްދުގެ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އަންނަ އަހަރު ބަޖެޓުކޮށްގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.