އަންހެނެއްގެ މާބަނޑު ދުވަސްވަރުގައި، އެމީހެއްގެ ރަހިމުގެ ބޮޑުމިން އެ ހުންނަ ވަރަށްވުރެ 500 ގުނަ އަށް އިތުރުވެ އެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ހުރިހާ ބަދަލުތަކަކީ ފެންނަ ކަންކަމެއް ނޫނެވެ.

އެގޮތުން އަންހެނަކު މާބަނޑު ދުވަސްވަރުގައި އެންމެ ބޮޑު ބަދަލެއް އަންނަ އެއް ގުނަވަނަކީ ސިކުނޑި އެވެ.

ވިހެއުމަށްފަހު ދަރިފުޅު ފުރަތަމަ ފަހަރަށް ފެންނަ ފެނުމަކީ މަޔަކަށް ގިނަ އިހުސާސްތަކެއް ލިބިގެންދާ ވަގުތުކޮޅެކެވެ. އެއީ ސިކުނޑީގައިވާ އެކި ހިސާބުތަކުން އަންނަ "ރިވޯޑް ނެޓްވޯކް"ގެ ސަބަބުންނެވެ. ހިތްހަމަޖެހުން ގެނެސްދޭ އެކި ހޯމޯންތައް ކަމަށްވާ ޑޯޕަމިން އާއި އޮކްސިޓޯސިން، އެ ކުޑަ ވަގުތުކޮޅުގައި ހަށިގަނޑަށް ފޯރުކޮށްދެ އެވެ. އޭގެ ސަބަބުން ދަރިފުޅަށްޓަކައި މައިމީހާގެ ހިތުގައި ވަރުގަދަ ގުޅުމަކާއި ލޯތްބެއް އުފެދެ އެވެ.

ހަމައެހެންމެ މި އިހުސާސްތައް ދަރިފުޅު އުފާވާ ވަގުތުގައި ވެސް އަންނަކަމަށް ހޯދުންތަކުން ހެކިދެ އެވެ. ނަމަވެސް ދަރިފުޅު ރޯ ވަގުތުތަކުގައި މައިމީހާގެ ސިކުނޑިން އެކްޓިވޭޓް ކޮށްދެނީ "އިމޯޝަން ރެގިއުލޭޝަން ނެޓްވޯކް" އެވެ. އޭގެ ސަބަބުން ނިދި މަދުން ލިބުމުންނާއި ދަރިފުޅުގެ ރުއިމުން މައިމީހާއަށް ލިބިދޭ އެކި ނެގެޓިވް އިމޯޝަންތަކުން ރައްކާތެރިކޮށްދެ އެވެ.

އޭގެ އިތުރުން ވިހެއުމުގައި މައިމީހާގެ ސިކުނޑީގައި އެކްޓިވޭޓްވާ "ސޭލިއެންސް ނެޓްވޯކް"ގެ ސަބަބުން ދަރިފުޅުގެ ރުއިމާއި އެހެނިހެން ކަންކަމަށް އިތުރަށް އެލާޓްވާ ކަމަށް ސައިންޓިސްޓުން ބުނެފައިވެ އެވެ.

މައިމީހާގެ އިތުރުން ދަރިފުޅުގެ ބައްޕަގެ ސިކުނޑިއަށް ވެސް ބަދަލުތަކެއް އަންނަކަން ފަހުގެ ހޯދުންތަކުން ވަނީ ހާމަވެފަ އެވެ. އެގޮތުން ދަރިފުޅާ މުހާތަބު ކުރާ ވަގުތުތަކުގައި އެމީހުންގެ ސިކުނޑިން ވެސް އޮކްސިޓޮކްސިން އާއި ޕްރޯލެކްޓިން ހަށިގަނޑަށް ފޯރުކޮށްދެ އެވެ.

ޕްރޯލެކްޓިން ނުވަތަ "މިލްކް ހޯމޯން"އަކީ މައިމީހާ ގާތުން ކިރު ދިނުމަށް އެހީވެދޭ ހޯމޯންއެކެވެ. އެގޮތުން ދަރިފުޅާ އެކު ވަގުތު ހޭދަނުކުރާ ބައްޕައިންނާއި އަޅާކިޔާއިރު، ވަގުތު ހޭދަކުރާ ބައްޕައިންގެ ހަށިގަނޑުގައި ޕްރޯލެކްޓިން ލެވެލް ބޮޑު ކަމަށް ހޯދުންތަކުން ހާމަވެ އެވެ. އަދި އެފަދަ ބައްޕައިން، ދަރިފުޅުގެ ކަންކަމަށް އިތުރަށް ހޭލުންތެރިވާކަން ވެސް ހާމަވެފައިވެ އެވެ. އެއާއެކު، ދަރިއަކު ލިބުމުން މައިންބަފައިންގެ ހަށިގަނޑުގެ އިތުރުން ސިކުނޑީގެ އެކި ހިސާބުތަކަށް ބަދަލު އަންނަކަން އެނގިގެންދެ އެވެ.