ނިއު ދިއްލީ (ޖެނުއަރީ 10) - އެއާ އިންޑިއާގެ ބޯޓެއްގައި މަސްތުވެފައި ހުރި މީހަކު އަންހެން ފަސިންޖަރެއްގެ ގަޔަށް ކުޑަކަމުދިޔަ މައްސަލާގައި އެ އެއާލައިން ހިންގާ ޓާޓާ ސަންސް އަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އެ ހާދިސާ ހިންގާއި ވަނީ ނޮވެމްބަރު މަހު ފަހު ކޮޅު އެވެ. ނަމަވެސް ޓާޓާ ގްރޫޕުން އެކަން އާއްމުކޮށްފައެއް ނުވެ އެވެ. މިދިޔަ ހަފުތާގައި އެ ހާދިސާއާ ބެހޭ މައުލޫމާތު އާއްމުކުރީ އަންހެން ފަސިންޖަރު މައްސަލަ ޖެއްސުމުންނެވެ.

އެ ހާދިސާ ހިންގާފައި ވަނީ ނޮވެމްބަރު 26 ވަނަ ދުވަހު ނިއު ޔޯކުން ނިއު ދިއްލީ އަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއްގަ އެވެ.

މި ހާދިސާ އާއްމުވުމާ އެކު އެއާ އިންޑިއާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ޓާޓާ ސަންސްގެ ޗެއާމަން އެން. ޗަންދުރަސެކަރަން އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ އެ ހާދިސާއާ ބެހޭ މައުލޫމާތު އެއަށް ވުރެ އަވަހަށް އާއްމު ކުރެވެން ޖެހޭނެ ކަމަށެވެ. އޭނާ ބަޔާނެއް ދެއްވީ އެއާ އިންޑިއާގެ ޗީފް އެގްޒެކެޓިވް ކެމްބެލް ވިލްސަން އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ހިތާމަކުރާ ކަމަށް އޭގެ އެއްދުވަސް ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ކުޑަކަމުދިޔަ މީހާ ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ މަސައްކަތް ކުރި އެމެރިކާގެ ބޭންކިން ކުންފުނީގެ ވަޒީފާ އިން ވެސް މިހާރު ވަނީ ވަކިކޮށްފަ އެވެ. މަސްތުވެފައި ހުރި އެ މީހާ ކުޑަކަމުދިޔައީ އުމުރުން 72 އަހަރުގެ އަންހެނެއްގެ ގަޔަށެވެ.

އަންހެން މީހާ ބުނެފައި ވަނީ ކުޑަކަމުދިއުމުން އޭނާގެ ސީޓާއި ބޫޓު އަދި އަންނައުނު ތެމުމުން ސީޓު ބަދަލުކޮށް ދޭން ކްރޫންގެ ގާތު އެދުނު ކަމަށެވެ. ނަމަވެސް ސީޓް ނެތް ކަމަށް ބުނެ ދިނީ ކްރޫން އިށީންނަ ކުޑަ ސީޓެއް ކަމަށް ބުންޏެވެ. އަދި އެއާލައިނުން ރިފަންޑުގެ ގޮތުގައި ދީފައި ވަނީ ޓިކެޓުން ބައެއް ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެ އެވެ.