ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސް، އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 15 ވަނަ ދުވަހު ހުޅުއްވައިލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
އިނާމު ދިނުމުގެ އުޞޫލަށް ގެންނަ މައިގަނޑު އެއް ބަދަލުގެ ތެރޭގައި، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައިވިޔަސް، އިނާމަށް ނަން ހުށަހެޅޭ ގޮތަށް ބަދަލުކޮށްފައިވެ އެވެ.
ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނުވާއިރު، ކޮމިޓީން ގެނައި ބަދަލާއި އެކު އެފަދަ ޖަމިއްޔާތަކުގެ، ޚިދުމަތަށް 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭނެ އެވެ.މީގެއިތުރުން، މިހާރު އިނާމު ދެމުންގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރާ ގޮތަށްވެސް އެކޮމިޓީން ވަނީ ނިންމަވާފަ އެވެ.އޭގެތެރޭގައި ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާ ހިމެނެ އެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވުމުންނެވެ.
އޭގެ އިތުރުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމުގައި އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ފުޅާ ދާއިރާއެއްގައި ނުވަތަ ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި، އަދި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބަލާގޮތަށް ވަނީ ނިންމާފަ އެވެ.
ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ޚިދުމަތް ކުރުމުންނެވެ.
މި އަހަރު ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެ އެވެ.