ކެލިފޯނިއާ (ޖެނުއަރީ 14) - ވޭތުވެދިޔަ 50،000 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފެހި ދުންތަރިއެއް ދުނިޔެއާ ކައިރިއަށް ޖެހިލައިފި އެވެ.

ނާސާގެ އޮފިޝަލުން ބުނެފައި ވަނީ ދުންތަރި އެންމެ ފުރަތަމަ ފާހަގަވީ ޖުޕިޓާގެ އޯބިޓުގެ ތެރޭގައި މާޗް 2022 ގަ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ނޮދަން ހެމިސްފިއާ އަށް ދުރުމީ އަޅައިގެން އެ ދުންތަރި ފެންނާނެ އެވެ. ދުނިޔެއާ އެ ދުންތަރި އެންމެ ކައިރިވާނީ ފެބްރުއަރީ 2 ވަނަ ދުވަހު ކަމަށް ސައެންސްވެރިން ބުނެ އެވެ. އޭރު އެ ދުންތަރި ހުންނާނީ ދުނިޔެއާ 26 މިލިއަން މޭލު (42 މިލިއަން ކިލޯމީޓަރު) ގެ ދުރުގައި ކަމަށް ލަފާކޮށްފައިވެ އެވެ. ޓެލެސްކޯޕާ ނުލައި ނޮދަން ހެމިސްފިއާ އަށް ދުންތަރި ފެންނާނީ ޖައްވުގައިވާ ފެހި ކުލައިގެ މާކެއްގެ ގޮތުގަ އެވެ. ޓެލެސްކޯޕުން ބަލައިފި ނަމަ ދުންތަރީގެ ޓެއިލް ފެންނާނެ އެވެ. ސަދަން ހެމިސްފިއާ އަށް ދުންތަރި ފެންނަވަރު ވާނީ ފެބްރުއަރީ މަހު އެވެ.

އިރާ އެންމެ ބޮޑަށް ކައިރިވެފައި ވަނީ މި މަހު 12 ވަނަ ދުވަހު އެވެ.

"ދުންތަރިއަކީ އޭގެ މިސްރާބު ބުނަން ފަސޭހަ އެއްޗެއް ނޫން. އެކަމަކު މި ދުންތަރީގެ އަލިކަން އެ ގޮތުގައި ހުރެއްޖެ ނަމަ ފަސޭހައިން ފެންނާނެ،" މި މަހު ކުރީކޮޅު ނާސާ އިން ބުނެފައިވެ އެވެ.

ނާސާ އިން ލަފާކުރާ ގޮތުގައި ކަނުއަނދިރި ރެއެއް ނަމަ ހަމަލޮލަށް ވެސް އެ ދުންތަރި ފެނިދާނެ އެވެ.

ދުންތަރި އިރުވަށާ ބުރެއް ޖެހޭނީ 50،000 އަހަރުންނެވެ. އެހެންވެ މި ދުންތަރި ބަލާލަން ލިބުމަކީ އުމުރުން އެއްފަހަރު ނޫނީ ނުފެންނާނެ ކަމެކެވެ.