ލަންޑަން (ޖެނުއަރީ 14) - ދާދި ފަހުން ނެރުނު ފޮތުގައި އޭނާ އަށް ދިމާވި ހުރިހާ ވާހަކަތަކެއް ހިމެނި ނަމަ އާއިލާ އިން މައާފް ނުކުރީސް ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.

ޑެއިލީ ޓެލެގްރާފަށް ހެރީ ވިދާޅުވީ އޭނާގެ ހަޔާތާ ބެހޭ ގޮތުން ނެރުނު ފޮތުގެ، ދެ ފޮތުގެ މައުލުމާތު އެބަހުރި ކަމަށެވެ. އެހުރިހާ މައުލޫމާތެއް ހިމެނި ނަމަ ބައްޕާފުޅު ރަސްގެފާން ޗާލްސް އާއި ބޭބޭފުޅު ޕްރިންސް ވިލިއަމް ދުވަހަކު ވެސް މައާފް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހެރީގެ ހަޔާތާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ނެރުނު ސްޕެއާ އަކީ މިހާރު އެންމެ ގިނައިން ވިކެމުންދާ ފޮތެވެ. އެ ފޮތުގައި ވަނީ ޝާހީ އާއިލާގެ ތެރޭން ހެރީ އަށް ދިމާވި ކަންތަކާއި މަންމާފުޅު ޕްރިންސަސް ޑަޔާނާ އަވަހާރަވުމުން ދިމާވި ކަންތައްތަކާއި ނަފްސާނީ ގޮތުން ދިމާވި މައްސަލަތައް އަދި މޭގަންއާ ދިމާވުމުގެ ކުރިން އުޅެން ޖެހުނު އެކަނިވެރި ހަޔާތް ބަޔާންކޮށްދީފަ އެވެ.

ފޮތުގައި ހެރީ ވަނީ މޭގަން އަކީ "އުނދަގޫ" މީހެއްގެ ގޮތުގައި އޭނާގެ ބޭބެ ވިލިއަމް ސިފަކުރި ކަމަށް ބަޔާންކުރައްވައިފަ އެވެ. އަދި ޖިސްމާނީ ގޮތުން ވިލިއަމް ހަމަލާ ދެއްވި ކަމަށް ވެސް ހެރީ ވިދާޅުވެފައިވެ އެވެ.

ހެރީ ވިދާޅުވީ ފޮތުގެ ފުރަތަމަ ޑްރާފްޓުގައި 800 ސަފްހާ ހިމެނުނު ކަމަށާއި ފަހުން ވަނީ ބައެއް ވާހަކަތައް އުނިކޮށް، 400 ސަފުހާ އަށް ފޮތް ކުޑަކޮށްފައި ކަމަށެވެ.

ފޮތާ ބެހޭ ގޮތުން ކެންސިންޓަން ޕެލަސް އަދި ބަކިންހަމް ޕެލަސް އިން ވެސް ކޮމެންޓް ކޮށްފައެއް ނުވެ އެވެ.