އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީ އާއިލާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ އެއް އާއިލާއެވެ.

އިންޑިއާއަށް ނިސްބަތްވާ މި އާއިލާގެ ކޮންމެ މެމްބަރަކު ވެސް ދިރިއުޅެމުން ގެންދަނީ އެހާމެ ތަނަވަސްކަންމަތީގައި ކަމަށް ވާއިރު، މި އާއިލާ މެމްބަރުންގެ ލައިފްސްޓައިލް ހުންނަ ގޮތް ގިނަ ބަޔަކު ބަލާލަން ބޭނުންވެ އެވެ.

އެގޮތުން އަމްބާނީ އާއިލާގެ އެންމެ މުހިންމު އެއް މެމްބަރު ކަމަށްވާ ވިޔަފާރިވެރިޔާ މުކޭޝްގެ އަންހެނުން ނީތާ އަމްބާނީ އަކީ އެ މީހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެކަކެވެ. އަމްބާނީ އޭނާގެ އަންހެނުން ނީތާދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށްފައިވާއިރު، ނީތާގެ އުފަލަށްޓަކައި އަމްބާނީ ވަނީ އެތައް ކަމެއް ނީތާގެ ނަންމަތީގައި ކޮށްދީފަ އެވެ.

ނީތާގެ ތަނަވަސް ދިރިއުޅުމަށް ބަލާލާއިރު، ނީތާ އަޅާ ސާޅިއަކަށް އެކަނި ވެސް 50،000 ޑޮލަރު ހޭދަވާކަމަށް ހާމަވެފައިވެ އެވެ. އެސާޅިތައް އަގުބޮޑުވަނީ ސާޅީގައި ގިނަ އަދަދެއްގެ ޑައިމަންޑުތަކާއި ރަނުން ފަހާފައި ހުރުމުންނެވެ. އަގުބޮޑެތި ކާރާއި، ބޮޑު ގެއެއް މިލްކުވާ ނީތާގެ ގޭގެ ގިނަ ފަންގިފިލާތައް ހާއްސަކޮށްފައިވަނީ ހަމައެކަނި ނީތާއަށެވެ.

އޭގެ އިތުރުން ނީތާގެ އަތް ދަބަހަށާއި، ރީތިވާން ގެންގުޅޭ ކޮސްމެޓިކްސްގެ އިތުރުން އަންނައުނަށާއި، އެކްސެސަރީސް އަދި ފައިވާނަށް އެތައް ހާސް ޑޮލަރުން ހޭދަވާކަން ހާމަވެފައިވެ އެވެ.

އެނގިފައިވާގޮތުގައި ނީތާ ދުވަހަކު ވެސް އެއްފަހަރު އަރާފައިވާ ފައިވާނެއް ދެވަނަ ފަހަރަށް ނާރަ އެވެ. މިތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ ކުންފުނިތަކުން ނީތާއަށް ހާއްސަކޮށްގެން އުފައްދާ އުފެއްދުންތަކެވެ.

ނަމަވެސް އިންޑިއާގެ އެންމެ މުއްސަނދި އާއިލާގެ މުހިންމު މެމްބަރެއްކަމަށްވާ ނީތާ އުފަންވީ މުއްސަނދިކަމުގެ ތެރެއިންނެއް ނޫނެވެ. އޭނާ އުފަންވެފައި ވަނީ އިންޑިއާގެ މެދު ފަންތީގެ އާއިލާއަކަށެވެ. އަދި މުކޭޝްގެ މަންމަ ކޮކިލާ ބެން އަށް ޑާންސް ޝޯއެއްގެ ތެރެއިން ނީތާގެ ހުށަހެޅުން ކަމުދިއުމާ ގުޅިގެން މުކޭޝްއާ ކައިވެނި ކުރުމަށް ހަމަޖެއްސި އެވެ.