މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ ކަމަށެވެ.
ގައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާއިރު، އިނާމު ދިނުމުގެ އުޞޫލަށް ގެންނަ މައިގަނޑު އެއް ބަދަލުގެ ތެރޭގައި، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައި ވިޔަސް، އިނާމަށް ނަން ހުށަހެޅޭ ގޮތަށް ބަދަލުކޮށްފައިވެ އެވެ.
ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނުވާއިރު، ކޮމިޓީން ގެނައި ބަދަލާއެކު އެފަދަ ޖަމިއްޔާތަކުގެ، ޚިދުމަތަށް 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭނެ އެވެ.މީގެއިތުރުން، މިހާރު އިނާމު ދެމުންގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރާ ގޮތަށް ވެސް އެކޮމިޓީން ވަނީ ނިންމަވާފަ އެވެ. އޭގެ ތެރޭގައި ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާ ހިމެނެ އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވުމުންނެވެ.
އޭގެ އިތުރުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ފުޅާ ދާއިރާއެއްގައި ނުވަތަ ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި، އަދި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބަލާގޮތަށް ވަނީ ނިންމާފަ އެވެ.
ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ޚިދުމަތް ކުރުމުންނެވެ.
މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެ އެވެ.