ކީވް (17 ޖެނުއަރީ) ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން ގަދަކަމުން ރަޝިއާއަށް ގެންދެވިފައިވާ ޔޫކްރެއިން ރައްޔިތުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކޮށްދިނުމަށް އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން (އޯއެސްސީއީ)އަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގޮވާލައްވައިފި އެވެ.

އޯއެސްސީއީގެ ޗެއާމަން އިން އޮފީސް ބުޖާރް އޮސްމާނީ ޔޫކްރެއިންއަށް ކުރެއްވި ދަތުރު ފުޅެއްގައި އޭނާއާއި ޒެލެންސްކީ ވަނީ އެ ޖަމާއަތް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކޮށްފަ އެވެ.

ޔޫކްރެއިންއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އެރީއްސުރެ އެގައުމުގެ އެތައް ހާސް ރައްޔިތުންނެއް ގަދަކަމުން ރަޝިއާއަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ނެރުނު އަންދާސީ ހިސާބުތަކުގައިވާ ގޮތުން 900،000 އާއި 1.6 މިލިއަންއާ ދެމެދުގެ ޔޫކްރެއިން ރައްޔިތުން ގަދަކަމުން ރަޝިއާއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރޭގައި 260،000 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

މި ތުހުމަތުތަކަށް ދެކޮޅު ހަދަމުން ރަޝިއާއިން ބުނެފައިވަނީ ޔޫކްރެއިން ދޫކޮށް އެގައުމަށް އެތެރެވެފައިވާ ޔޫކްރެއިންގެ ރައްޔިތުންނަކީ ހަނގުރާމައިގެ ރެފިއުޖީން ކަމަށެވެ.

ރަޝިއާއިން އިތުރަށް ބުނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން 4.8 މިިލިއަން ޔޫކްރެއިން މީހުން ރަޝިއާއަށް އެތެރެވެފައިވާއިރު އޭގެ ތެރޭގައި 712،000 ކުޑަކުދިން ހިމެނޭ ކަމަށެވެ.

"ގަދަކަމުން ޔޫކްރެއިންއަށް ގެންދެވިފައިވާ އަހަރުމެންގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އޯއެސްސީއީއަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެ" ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައަށް މިހާތަނަށް އެއްވެސް ޖަމާއަތަކުން މަސައްކަތް ކޮށްދީފައި ނުވާ ކަމަށާއި މިއީ ހައްލު ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އޯއެސްސީއީއަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ނަމަވެސް ރަޝިއާއިން ހުރަސް އެޅުމުގެ ސަބަބުން ޔޫކްރެއިންގައި ހިންގަމުން އައި އެޖަމާއަތުގެ މަސައްކަތްތައް ވަނީ ހުއްޓާލަން ޖެހިފަ އެވެ. -- އަލް އަރަބިއްޔާ