ގއ. ވިލިނގިލީގައި ސަރުކާރުން އިމާރާތްކުރާ 100 ރޯހައުސްގެ ބިންގާ އަޅައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރޯ ހައުސްތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން އެ ރަށު ކައުންސިލަރުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ޖުމްލަ އަގު 48 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކުރިން ނިންމާފައި ވަނީ އެރަށުގައި 50 ރޯހައުސް އެޅުމަށެވެ. ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން އިތުރު 50 ރޯހައުސް އިމާރާތް ކުރަން ސަރުކާރުން ނިންމީ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއީ ދެ ފަންގިފިލާގެ ރޯހައުސްތަކެއް ކަމަށެވެ. ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ހިމެނޭހެން، ކޮންމެ ބައެއްގައި ބެލްކަނީއެއް ވެސް ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.