ރިޔާޒް (ޖެނުއަރީ 17) - ދުނިޔޭގައި މި ޖީލުގެ ފުޓުބޯޅައިގައި އުފެދުނު އެންމެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އެއްބަސްވާ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިގެން ސައުދީ އަރަބިއާގައި މި މަހު 19 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގެ ޚާއްސަ ޓިކެޓަށް ބިޑްކުރި އެންމެ މަތީ އަގު ކަމަށްވާ 2.66 މިލިއަން ޑޮލަރަށް ނީލަން ނިންމާލައިފި އެވެ.

ބިޑްކުރުމުގެ މުއްދަތު ހުޅުވާލާފައި ވަނީ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެސީ ކުޅޭ ފްރާންސްގެ ޕީއެސްޖީ އާއި ރޮނާލްޑޯ ދާދި ފަހުން ގުޅުނު ސައުދީ އަރަބިޔާގެ އަލް ނަސްރާއި އެ ގައުމުގެ ވާދަވެރި އަލް ހިލާލުން ހޮވާލެވޭ ޓީމަކާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުގެ ވީއައިޕީ ޓިކެޓް 2.66 މިލިއަން ޑޮލަރަށް ގަނެފައި ވަނީ ސައުދީގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ މަހުޖަނެއް ކަމަށްވާ މުޝައްރަފް އަލް ޣާމިދީ އެވެ. މިއީ ފުޓުބޯޅަ މެޗެއްގެ ޓިކެޓެއް ވިއްކި އެންމެ ބޮޑު އަގު ވެސް މެ އެވެ.

މި ޖީލުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީ އާއި ރޮނާލްޑޯ.

"ބިޔޯންޑް އިމޭޖިނޭޝަން"ގެ ނަންދީފައިވާ ވީއައިޕީ ޓިކެޓް ގަތުމުން މެސީ އާއި ރޮނާލްޑޯ އާއި ބައްދަލުކުރުމުގެ ފުރުސަތު ލިބި އަދި މެޗުން މޮޅުވާ ޓީމަކާ އެކު ބާއްވާ ފޮޓޯޝޫޓުގައި ވެސް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން ދެ ޓީމުގެ ޗޭންޖިން ރޫމަށް ވެސް ވަނުމުގެ ހުއްދަ ލިބޭނެ އެވެ. މެޗުން މޮޅުވާ ޓީމަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވޭނެ އެވެ.

ޓިކެޓުގެ ބިޑް ފެށީ އެއް މިލިއަން ސައުދީ ރިޔާލުންނެވެ. ބިޑުގެ ވަގުތު ހަމަވިއިރު ވަނީ 10 މިލިއަން ރިޔާލަށް އަރައިފަ އެވެ.

ވެރިރަށް ރިޔާޒުގެ ކިންގު ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ ސައުދީގެ ވާދަވެރި ދެ ޓީމުން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ވަނީ ރިޔާޒު ސީޒަން ކަޕްގެ ނަންދީފަ އެވެ. ގާތްގަނޑަކަށް 68،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފަ އެވެ.

މި ޖީލުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީ އާއި ރޮނާލްޑޯ.

ދުނިޔޭގައި އެތައް މިލިއަން ބަޔަކު ސަޕޯޓްކުރާ ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ސޮއިކުރުމާ އެކު އެ ގައުމުގައި ފުޓުބޯޅައިގެ ފޯރިވަނީ ވަރަށް ގަދަވެފަ އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރޮނާލްޑޯ ސައުދީ އަށް ގެންދިޔައީ 200 މިލިއަން ޑޮލަރަށެވެ. ރޮނާލްޑޯގެ ވާދަވެރިޔާ މެސީ އަލް ހިލާލަށް ގެންދިއުމަށް އަހަރަކު 300 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން ފެތުރުނެވެ.

މެސީ އާއި ރޮނާލްޑޯ އެންމެ ފަހުން ފުޓުބޯޅަ މެޗެއްގައި ވާދަކޮށްފައި ވަނީ ޑިސެމްބަރު 2020 ގައި ޔުއެފާ ޗެމްޕިއަންސް ލީގުގަަ އެވެ. އޭރު ރޮނާލްޑޯ ކުޅުނީ އިޓަލީގެ ޔުވެންޓަސް އަށެވެ. މެސީ ކުޅުނީ ސްޕޭނުގެ ބާސެލޯނާއަށެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 އިންނެވެ. އެ މެޗުގައި ބާސެލޯނާ ކޮޅަށް ރޮނާލްޑޯ ދެ ގޯލު ޖެހި އެވެ.