އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ނިންމަވައި ކެމްޕޭނާ ގުޅިވަޑައިގެންފި އެވެ.

އަމްރު މިއަދު ވަނީ ނަޝީދާ އެކު ހުވަދު އަށް ވަޑައިގެންފަ އެވެ. ތިން ދުވަހަށް ގއ އަދި ގދ ގައި ކެމްޕޭން ކުރިއަށް ގެންދަން އޮތީ ޝެޑިއުލްކޮށްފަ އެވެ. އަމްރު ނިސްބަތްވެވަޑަައިގަންނަވަނީ ތިނަދުއަށެވެ.

ނަޝީދުގެ ދައުރުގައި އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރެއްވި އަމްރު އަކީ ކުރިން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2014 ގައި ތިނަދޫ ދާއިރާ އަށް ވެސް އަމްރު ވާދަކުރެއްވި އެވެ.

މި މަހުގެ 28 ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަންނަނީ ފޯރިގަދަ ކެމްޕޭނެއް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވަނީ މި ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުންނެވީ ކެމްޕޭނަށް ވަޑައިގެން އަތޮޅު ތެރޭގަ އެވެ. އެމަނިކުފާނު ވެސް ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.