ޜާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި ގިނަ ވަކީލުން ފާސްވެއްޖެ އެވެ.
މިއީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ތާރީޚުގައި ބޭއްވުނު ފުރަތަމަ ބާ އިމްތިހާނެވެ.
ބާ ކައުންސިލުން ބުނީ ގާނޫނީ ވަކީލަކަށްވުމަށް ހަދާ ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 68 ޕަސެންޓް ދަރިވަރުންނަކީ ފުރަތަމަ ފަހަރަށް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންކަމަށެވެ. އަދި 68 ޕަސެންޓް ދަރިވަރުން ވެސް އެ އިމްތިހާނުން ފާސްވެފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުނެ އެވެ.
ބާ ކައުންސިލުން ވަނީ އެ އިމްތިހާނުން ފާސްވި ދަރިވަރުންނާއި، އެންމެ މަތީ މަތީޖާ ހޯދި ދަރިވަރުންނަށް މަރުހަބާ ކިޔައިފަ އެވެ.
ބާ ކައުންސިލުން ބުނީ މިއިމްތިހާނުގައި ބައިވެރިވި ދަރިވަރުން އެވްރެޖްކޮށް %66 އިން ފާސްވެފައިވާ ކަމަށާއި، 18 ދަރިވަރުން ވަނީ "ޓޮޕް އެޗީވާސް" ނުވަތަ އެންމެ މަތިން އިމްތިހާނުން ނަތީޖާ ހޯދައިފައި ކަމަށެވެ.
ބާ ކައުންސިލުން ބުނީ އެންމެ މަތިން ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރުން އެއްވަނަ ހާސިލްކޮށްފައިވާ ކަމަށެވެ. އެއީ މުހައްމަދު އަޒާން އާސިފް އާއި، ހުސެއިން ޒަމީލްގެ އިތުރުން އިޝްހާގް ހުސެއިން އެވެ.
ބާ ކައުންސިލުން ބުނީ މި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނައީ ގައުމީ ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުންނާއި، ޔުނިވާސިޓީ އޮފް ލަންޑަން އަދި ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުން ކަމަށެވެ. އަދި މި ދަރިވަރުންގެ ދަސްވެނިވުން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
ބާ ކައުންސިލުން ވަނީ މިއިމްތިހާން އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކަމާ ބެހޭ އިދާރާތަކުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާން ބާއްވާފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ބާ އިމްތިހާނަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު ފަދަ އަސާސީ ބައެއް ހުނަރުތައް ދެނެގަތުމަށް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.