މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކަށް ދައުވާކުރުމުން އެ ދަރަނި ދައްކާ ހަލާސްކޮށްފި އެވެ.

އެމްއައިބީން އެ ލޯނު ދޫކުރީ ނިހާނާއި އޭނާގެ ބޭބެ އިނާން ހުސެއިންމަނިކާ ދެކޮޅަށެވެ.

ސިވިލް ކޯޓުގައި އެމްއައިބީން ދައުވާ ކުރީ އެ ދެ މީހުންނަށް ދޫކުރި 4 މިލިއަން ރުފިޔާގެ "ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީގެ ފައިސާ ނުދައްކައިގެންނެވެ.

މި ފެސިލިޓީގައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓުގައި އެދުނީ ފެސިލިޓީގެ ފައިސާ އާއި މަހުންމަހަށް އަރަމުންދާ "މަންތުލީ ރެންޓަލް" އަދި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށާއި އެ ފައިސާ އެއްފަހަރާ ނުދެއްކޭ ނަމަ، ފެސިލިޓީގެ ދަށުން ރަހުނު ކޮށްފައިވާ ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ދިނުމަށެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓަށް ސިޓީ ހުށަހަޅާފަ އެވެ. އެއީ އެމްއައިބީން މައްސަލަ ހުށަހެޅިތާ ދޮޅު މަހެއްހާ ދުވަސް ފަހުން، މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އެގޮތުން ކޯޓަށް ފޮނުވި ސިޓީގައި އެމްއައިބީން ބުނީ ނިހާނާއި އިނާންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން، އެ ބޭންކުން ހޯދަން އެދިފައިވާ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.

އެހެންވެ ކޯޓުން ވަނީ، އެ ދެ މީހުންގެ ރުހުން ހޯދުމަށް ފަހު، އެ މައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފަ އެވެ.