އިންޑިއާގެ ސްޕައިސް ޖެޓުން މާލެ އާއި މުމްބާއީއާ ދެމެދު ދަތުރުތައް ފަށަން ނިންމައިފި އެވެ.

ބަޖެޓް އެއާލައިން، ސްޕައިސް ޖެޓުން މުމްބާއީ އާއި ރާއްޖެއާއި ދެމެދު ބާއްވާ ދަތުރުތައް ފަށަން ނިންމާފައި ވަނީ މާދަމާ އެވެ. މި ދަތުރުތައް އޮންނާނީ މާދަމާއިން ފެށިގެން ކޮންމެ ހަފްތާގެ އާދިއްތަ، ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތައް ކުރިޔަށް ގެންދަނީ އަންނަ މަހުގެ ތިނެއްގެ ނިޔަލަށެވެ.

ސްޕައިސް ޖެޓުން މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރުކައިގެ މަތިންދާ ބޯޓެކެވެ.

މިއީ ރާއްޖެއާއި އިންޑިއާ އާ ދެމެދު ގާއިމުކޮށްފައިވާ އެއާ ބަބުލް އެއްބަސްވުމުގެ ދަށުންކުރާ ދަތުރުތަކެކެވެ. ސްޕައިސް ޖެޓުން މިހާރު ވެސް އަންނަނީ އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

ސްޕައިސް ޖެޓުގެ އިތުރުން އިންޑިއާގެ ގޯ އެއާ، އިންޑިގޯ އެއާލައިނުން ވެސް އަންނަނީ ކޮންމެ ދުވަހަކު ދަތުރުތައް ކުރަމުންނެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން ޖުލައި 15 ން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އެ ގައުމުން 22،535 ޓޫރިސްޓުން އައިސްފައިވެ އެވެ.