ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރިކުރި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް، ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ.

އެ ހުކުމްގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި އެކައުންޓް ހިފެހެއްޓުމުގެ ބާރު ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ވަނީ އެއްބަސްވުމަކާ ޚިލާފްވެއްޖެނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައިވާ 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ސްކީމްގައި އިންވެސްޓް ކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި ޝަކުވާ ބޮޑުވެފައި ވަނިކޮށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.