ވަރުން ދަވަން އާއި ސަރާ އަލީ ހާންއާއެކު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަކީ "ކޫލީ ނަންބަރު 1" އެވެ.

ފިލްމު ނެރުމަށް ކުޑަ ދުވަސްކޮލަކަށް ވެފައިވާ އިރު ފިލްމުގެ ޕްރޮމޯޝަންތައް ހަލުވިކަމާއެކު ކުރިއަށް އެބަދެ އެވެ.

މިފަދަ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން ވަރުން ވަނީ ސާރަ އާއެކު މަސައްކަތް ކުރަން ފެށުމުގެ ކުރިން ތިން އެކްޓަރުން ގުޅާފައި ސަމާލުވުމަށް އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. މިހެން ބުނުމުން އެއީ ކޮންބައެއްތޯ ސާރާ ސުވާލުކުރެ އެވެ.

ވަރުން ބުނީ އެއީ ވިކީ ކޯޝަލް، ކާރްތިކް އާރިޔަން އަދި އަޔުޝްމާން ކުރާނާ ކަމަށެވެ.

ސާރާ ބޮލީޥުޑަށް ތައާރަފުވެފައި ވަނީ 2018 ވަނަ އަހަރު ނެރުނު ފިލްމުކަމަށްވާ "ކޭދާރްނަތް" އިންނެވެ. މި ފިލްމުގައި ފެނިފައިވަނީ ސުޝާންތް ސިންގް ރާޖްޕުޓް އެވެ. އެއަށްފަހު ސާރާ ފެނިގެން ދިޔައީ ރަންވިރު ސިންގާއި އެކު "ސިމްބާ" އިންނާއި ކާރތިކް އާރިޔަން އާއި އެކު ކުޅުނު "ލަވް އާޖް ކަލް" އިންނެވެ.

މިހާރު ސަރާ ދަނީ އާނަންދް އެލް ރާއީ ގެ ފިލްމު "އަތްރަންގީ ރޭ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުން ދެން ފެނިގެންދަނީ އަކްޝޭ ކުމާރާއި ދަނުޝް އެވެ.

ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ ފިލްމު "ކޫލީ ނަންބަރު 1" ނެރުމަސް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެމެޒަން ޕްރައިމް ވީޑިއޯގަ އެވެ.