ވިހެއުމާ ގުޅޭގޮތުން ދޭ ޗުއްޓީ އިތުރުކޮށް ނުދިން ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރިޔަމް ޝަމްއާ އިބްރާހީމް ދެއްކެވި ވާހަކަތަކަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަރުގަދަ ރައްދެއް ދީފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޝަމްއާ މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ ކަންހިގާފައިވާ ގޮތް އޮޅޭ ގޮތަށް، އެ ޓްރައިބިއުނަލް ބަދުނާމުވާ ގޮތަށް ކަމަށެވެ.

ޝަމްއާގެ ވާހަކަތަކަށް ރައްދު ދެމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާއި، ޓްރިބިއުނަލުގައި ހެދިފައިހުރި ގަވާއިދުތައް ބުނާގޮތަށް މިހާތަނަށް ޝަމްއާ އަށް ޗުއްޓީތަކާއި، ވަޒީފާގައި ދޭ ލުއިފަސޭހަތައް ދެމުން އައިސްފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ މެމްބަރުގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއާގުޅޭ ކަންކަމުގައި ޓްރައިބިއުނަލުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ޝަމްއާ ހުށަހެޅި ނަމަވެސް އެކަންކޮށްދީފައި ނުވަނީ އެ ބާރު ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްއަށް ލިބިފައި ނުވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ޓްރައިބިއުނަލުން ބުނީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލްތައް އެކުލަވާލާފައިވަނީ، މެމްބަރު ޝަމްއާ ހިމެނޭހެން މިވަގުތު އެ އިދާރާގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އޭރު އެކަން އެގޮތަށް ނިންމެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ކަނބަލުން ކަމަށް ވެފައި، ހުރިހާ މެމްބަރުން ހަ މަސްދުވަހުގެ މެޓާނިޓީ ލީވެއް ނަގައިފިނަމަ އެ ޓްރައިބިއުނަލްގެ މަސައްކަތްތަކަށް ބުރޫއަރައި، އެތައް އާއްމު ރައްޔިތުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުކުރާނެ ކަމަށް މެމްބަރުންނަށް ގަބޫލުކުރެވިގެން ކަމަށް ވެސް ޓްރައިބިއުނަލްގެ ބަޔާނުގައިވެ އެވެ.

މެމްބަރުންނަށް ވިހެއުމާ ގުޅިގެން ދެ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް އޮތް ނަމަވެސް، އެ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ ނެގޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.