މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު އޮލިމްޕަސް ސިނަމާ އަލުން ހުޅުވައިފި އެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޮލިމްޕަސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ މިނިސްޓަރުނާއި އިންޑިއާގެ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުން ވެސް ބައިވެރިވެފައިވެ އެވެ.
އޮލިމްޕަސް އަލުން ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ދިވެހި ފަންނާނުންގެ ހިތްގައިމު ލައިވް ޕާފޯމަންސްތަކަކާ ވެސް އެކުގަ އެވެ. އެގޮތުން ވަކިވެގޮސްފައިވާ ބައެއް ލަވަކިޔުންތެރިންނާއި، 70ގެ އަހަރު ތަކުގައި ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދި ތިން ބޭންޑަކަށް ހާއްސަ މިއުޒިކަލް ޓްރިބިއުޓެއް ވަނީ ދީފަ އެވެ.
މީގެ އިތުރުން މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ފަރާތުން "އަހަރެންގެ އޮލިމްޕަސް" މި ނަމުގައި ހާއްސަ ތިއޭޓްރިކަލް ޕާފޯމަންސް އައިޓަމަކާއި، އަނިރޫދު ވަރްމާ ކަލެކްޓިވްގެ ފަރާތުން އިންޑިއާގެ ކްލެސިކް މިއުޒިކް ޕާފޯމަންސެއް ހުށަހަޅައިދީފައިވެ އެވެ. ހަމައެހެންމެ ޢަބްދުﷲ ހަސަން ނުވަތަ މަޝްހޫރު ނަމުންނަމަ، ހޮޅުދޫ އަބްދުﷲ ކިޔާފައިވާ "އޯ ވަޒަން" މިލަވައިގެ ހާއްސަ ޓްރިބިއުޓެއް ވެސް ދިވެހި ފަންނާނުން ވަނީ ހުށަހަޅައިދީފަ އެވެ.
އޮލިމްޕަހަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިނަމާ އެވެ. މިތަން އެކި ދުވަސްވަރުގެ މަތިން މަރާމާތުކޮށްފައިވެ އެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކަށް ފެތޭގޮތަށް އޮލިމްޕަސް އެންމެ ފަހުން މަރާމަތުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިއީ އަހަރުން އަހަރަށް އައު ޓެކްނޮލޮޖީ އަންނަ ސިނާއަތަކަށްވާތީ، އޮލިމްޕަހަށް މާ ބޮޑު ސަމާލުކަމެއް ނުދެވި، އަނެއްކާވެސް މަޑުމަޑުން ފަހަތަށް ދާން ފެށި އެވެ. އަދި އެއީ ދުވަސްވީ އިމާރާތަކަށް ވާތީވެ، ބައެއް ދިމަދިމާ ބާވެ މައްސަލަތައް ނުކުންނަން ފެށި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންސީއޭއާ، 2019 ވަނަ އަހަރު އޮލިމްޕަސް ހަވާލުކުއިރު އެތަނުގެ އިމާރާތާއި ޓެކްނިކަލް ވަސީލަތްތައް ހުރީ އެކަށީގެންވާ ވަރަށްވުރެ ދަށް ފެންވަރުގަ އެވެ. އަދި ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ތަރައްގީކުރާނެ ޕްރޮޖެކްޓެއް އެކުލަވާލައި އިންޑިއާ އިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީ ހޯދި އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔަ އެވެ.
ކޮވިޑަށް ފަހު މަސައްކަތް އަލުން ފަށައި، އިމާރާތުގެ ބާވެ ހަލާކުވެފައިވާ ދިމަދިމާ މަރާމާތުކުރުމުގެ މަސައްކަތް ކުރެވުނެވެ. އެގޮތުން ރެނދު އަޅާފައިވާ ކޮންކްރީޓް ތަނބުތައް މަރާމާތުކޮށް ފުރާޅު ވަނީ ބަދަލުކޮށްފަ އެވެ. އަދި ޒަމާނާ ރައްޓެހި އާ ޓިކެޓް ކައުންޓަރެއް ވަނީ ތަރައްގީކޮށްފަ އެވެ. މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރެވުނު މަސައްކަތްތަކެކެވެ.
އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނުވީ އިންޑިއާ ސަރުކާރުގެ ފައިސާގެ އެހީ ހަމަޖެހި، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިގަނެވުނު ހިސާބުންނެވެ.
އެގޮތުން މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރެއް ވަނީ އިންސްޓޯލްކޮށްފަ އެވެ. އަދި ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް ވަނީ ގާއިމުކޮށްފަ އެވެ. ސައުންޑް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް މުޅި ހޯލާއި ސްޓޭޖުގެ އެކޯސްޓިކްސް ޓްރީޓުކުރި އެވެ. ތަނުގެ އަޑު ނުސާފުވެގެން ކުރިމަތިވާ މައްސަލަތަކެއް ދެނެއް ކުރިމައްޗެއް ނުވާނެ އެވެ.
މީގެ އިތުރުން، 14 އަހަރަށް ފަހު، މިއުޒިކާއި ނެށުމާއި ސްޓޭޖު ތަމްސީލުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭގޮތަށް އޮލިމްޕަސް ސްޓޭޖުގައި ސައުންޑު އަދި ލައިޓް ސެޓަޕް ވަނީ ގާއިމުކޮށްފަ އެވެ. އަދި ސްޓޭޖުގައި ތަފާތު ގިނަ ހަރަކާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރިޓްރެކްޓް ކުރެވާ ސްކްރީނެއް ވަނީ އިންސްޓޯލުކޮށްފަ އެވެ.
ސްޓޭޖު ލައިޓާއި ސައުންޑުގެ ކޮންޓްރޯލު ގާއިމުކުރުމަށާއި ސްޓޭޖު ހަރަކާތްތައް ފަސޭހައިން ވީޑިއޯ އަދި ފޮޓޯ ނެގުމަށް ހޯލުގެ ފަހަތުގައި ޚާއްސަ ޕްލެޓްފޯމެއް ވެސް ހަދާފައިވެ އެވެ. ދެވަނަ ފިޔަވަހީގައި ދެން ގެނެވުނު އެންމެ ބޮޑު ބަދަލަކީ މައި ހޯލުގެ މަތީގައި އިޝްތިހާރުކުރުމަށް ލެޑް ޕެނަލްއެއް ބެހެއްޓުމެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އޮލިމްޕަސް ހޯލަށާއި ގޯތިތެރެ ފަސޭހައިން ބޭނުންކުރެވޭނެހެން ރޭމްޕްތައް ހެދުމާއި، ތަނުގެ އިންޓީރިއާ ޑިޒައިނަށް ގެނެސްފައިވާ ޒަމާނީ ބަދަލުތައް ވެސް ފާހަގަކޮށްލެވެ އެވެ.