"ކުނި ކަހާ މަސައްކަތު މީހުން ރާނީ ފައިބައިވަޑައިގަންނަވާ ފާލަމުގެ ކައިރީގައި އޮތް ހުސް ތަންކޮޅު ކުނި ކަހަން ބައިތިއްބާފައި ތިއްބެވެ. މިބައި މީހުންގެ ވާޖިބަކީ ބިން މައްޗަށް ލައިފައިވާ ދޮންވެލިގަނޑު މަތީގައި ބަޔަކު ހިނގައިފި ނަމަ ފިޔަވަޅުތައް ފޮރުވާލައި އޮމާންކުރުމެވެ. މިކަން 24 ގަޑިއިރުގެ ތެރޭގައި އެތައް ފަހަރަކު ކުރަން ޖެހޭނެ އެވެ."

މަތީގައިވާ އިބާރަތަކީ 1972 ވަނަ އަހަރު އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެ ވަޑައިގެންނެވުމުގެ ރަސްމިއްޔާތަށް މާލެ ތައްޔާރުކުރުމަށް ދިވެހި ސަރުކާރުން އިސްކަން ދީފައިވާ މިންވަރު ސިފަކޮށް ދިނުމަށް އޭރު ދިވެހިރާއްޖެ އާއި ސިލޯނަށް އިނގިރޭސިން ކަނޑައަޅުއްވައިފައި ހުންނެވި ސަފީރު ލިޔުއްވާފައިވާ އިބާރާތެކެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވައި ސިލޯނުގައި ހުންނަވާ ސަފީރު މެކިންޓޮޝް ލިޔުއްވާފައިވާ ރިޕޯޓުގައި ވާގޮތުން އިނގިރޭސި ރާނީ އޭޝިއާގެ ގައުމުތަކަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅުގައި ދިވެހިރާއްޖެ ހިމެނުމަށް އެދުނީ ލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުންނެވެ.

އެ ދަތުރުފުޅު އެގޮތަށް ހަމަޖެއްސުމަށްޓަކައި އިނގިރޭސި ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއް ދިންކަން އެ ރިޕޯޓުން ފާހަގަވެ އެވެ. ރާނީގެ ދަތުރުފުޅުގެ ޕްލޭންގައި ރާއްޖެ ހިމެނުމަށް ލަންކާގައި ހުންނަވާ އިނގިރޭސި ސަފީރުގެ އޮފީހުން މަސައްކަތް ކުރެއްވިއިރު އެފަރާތަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކަށްވީ ދިވެހި ސަރުކާރުން އެކަމާ ގަބޫލުވެދާނެކަމުގެ ޔަގީންކަމެއް ނެތުމެވެ.

އިނގިރޭސިން ރާއްޖޭގައި ކަންތައް ކުރަމުން ދިޔަގޮތާމެދު ހިތްހަމަނުޖެހި އުފެދުނު ނުތަނަވަސްކަމުގައި ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު ފުރަން "މަޖުބޫރު" ވުމާއި އިނގިރޭސިން ދަގަނޑު ފިލައިން ހެދި އެއާޕޯޓު، އެމީހުން އަތުން އަތުލައި ދިވެހިން އަމިއްލައަށް އެއާޕޯޓެއް ހަދައި ހިންގަން ފެށުން ފަދަ ކަންތަކުގެ ސަބަބުން އިނގިރޭސި ސަރުކާރުން އޭރު އޮތީ ދިވެހި ސަރުކާރާ މެދު އޮތް ގުޅުން ބަދަހި ކުރެވޭނެ ގޮތެއް ހޯދަން ބޭނުންވެފަ އެވެ. އެހެންކަމުން އެ ދަތުރުފުޅުގެ ކަންތައް ހަމަޖެއްސުމަށް އިނގިރޭސި ހައިކޮމިޝަނުން ދިވެހި ސަރުކާރަށް ހުށަހެޅިއިރު ވެސް ރާއްޖެއިން ދޭނެ ޖަވާބަކާ މެދު ކަންބޮޑުވުން އޮތްކަން މެކިންޓޮޝްގެ ރިޕޯޓުން ފާހަގަވެ އެވެ.

އިނގިރޭސި ރާނީ 1972 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް ނާސިރާ އެކު

މެކިންޓޮޝްގެ ރިޕޯޓުގައިވާ ގޮތުން ދިވެހި ސަރުކާރުން ފުރަތަމަ ދެއްވި ޖަވާބަކީ "އެފަދަ މުނާސަބަތަކަށް ތައްޔާރުކުރުމުގެ ފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް" ކަމަށެވެ.

ދިވެހި ސަރުކާރުގެ އެ ޖަވާބު ލިބުމުން، ރާއްޖޭގެ ހާލަތު ހުރިގޮތް އެ މީހުންނަށް އެނގޭ ކަމަށާއި އެ ފުރުސަތުގެ ބޭނުންކުރުން ރަނަގަޅުވާނެ ކަމަށް ފެންނަކަން އަންގައި، ހިތްވަރުދީ ސަރުކާރާއެކު ކުރެވުނު މަޝްވަރާގެ ސަބަބުން ދިވެހި ސަރުކާރުން އެ ދަތުރުފުޅަށް އެއްބަސްވި އެވެ.

ދިވެހި ސަރުކާރުން ދެއްވި ރަސްމީ ޖަވާބަކީ "އިނގިރޭސި ރާނީ ދިވެހި ރާއްޖެއަށް ކުރެއްވުމަށް ހުށަހެޅުއްވި ޒިޔާރަތަކީ، ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ރާއްޖެއަށް ލިބިފައި ނުވާ ފަދަ، އާދަޔާ ޚިލާފު މަތިވެރި ޝަރަފަކާއި އެހާމެ މަތިވެރި އުފަލެއް ލިއްބައިދޭ މުނާސަބަތަކަށް ވާނެ" ކަމަށެވެ.

އިނގިރޭސި ރާނީ ދިވެހި ރާއްޖެއަށް ކުރެއްވުމަށް ހުށަހެޅި ދަތުރުފުޅަށް ދިވެހި ސަރުކާރުން ފުރަތަމަ ފިނި ޖަވާބެއް ދިން ކަމުގައި ވިޔަސް އެ ދަތުރުފުޅާ ބެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއްދިނެވެ. އެކަން ފާހަގަ ކުރައްވައި މެކިންޓޮޝް އޭނާގެ ރިޕޯޓުގައި ލިޔުއްވާފައިވާ ގޮތުގައި ރާނީގެ ދަތުރުފުޅަށް ރާއްޖެ މާބޮޑަށް ތައްޔާރުކުރުމުގެ ބޭނުމެއް ނެތްކަމަށް އެންގި ކަމަށް ވިޔަސް ދިވެހި ސަރުކާރުން އެގޮތް ގަބޫލެއް ނުކުރި އެވެ.

ރާނީގެ ޝާހީ ޒިޔާރަތާ ބެހޭގޮތުން ކިތަންމެ ކުޑަކަމެއް ވިޔަސް ހުރިހާ ކަމެއް ނިންމަވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ކަން އިނގިރޭސި ސަފީރަށް އެނގި ވަޑައިގަންނަވަ އެވެ.

ސަފީރުގެ ރިޕޯޓުގައި ވާގޮތުން ކޮޅުނބުގައި އޭރު ހުންނަ ދިވެހި ހައިކޮމިޝަނަކީ ހަމަ އެކަނި ޕޯސްޓު އޮފީހެއް ފަދަ ތަނެކެވެ. އެ އޮފީހާއި ރާއްޖެއާ ގުޅުވައިދެނީ މާލޭގައި ހުންނަ އެންމެ ވަޔަލެސް ކޮމިއުނިކޭޝަން ސެޓެއްގެ ޒަރީއާއިންނެވެ. އެ ހާލަތުގައި އިނގިރޭސި ސަރުކާރުން ބޭނުންވި މިންވަރަށް ރާއްޖޭގައި ހިނގަމުންދާ ކަންތައް ސާފުވާ ގޮތް އޮތީ ނުވެފަ އެވެ. މިސާލެއްގެ ގޮތުން ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުންގެ ނަންފުޅު އިނގިރޭސިންނަށް ލިބުނީ އެނަންފުޅު ހޯދުމަށް ކޮންމެ ދުވަހަކު ގުޅާތާ 10 ދުވަސް ފަހުން ކަމަށް ލިއެފައި އޮތެވެ.

އިނގިރޭސިވިލާތުގެ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.

ޝާހީ ދަތުރުފުޅަށް މާލެ ތައްޔާރުވަމުންދާ މިންވަރު ކޮޅުނބުގައި ހުރި އިނގިރޭސި ހައިކޮމިޝަނަރަށް ކިރިޔާ ވެސް ވަޒަން ކޮށްލެވުނީ ދިވެހި ސަރުކާރުން 1756 އިނގިރޭސި ދިދައަށް އެދުމުންނެވެ. އެ ދިދަތަކަށް އެދިފައި އޮތީ ތަފާތު ފަސް ސައިޒަކުން ކޮންމެ ސައިޒަކުން ބޭނުންވާ އަދަދާ ވެސް އެކު އެވެ. މިކަމުން ދިވެހި ސަރުކާރުގެ ރޭވުންތެރިކަން ހުރިވަރާއި ރާނީގެ ދަތުރުގެ ކަންތައް ފުރިހަމަކޮށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ މިންވަރު ސަފީރު މެކިންޓޮޝްއަށް ޔަގީންވި އެވެ.

އޭރު މެކިންޓޮޝްއާއި އޭނާގެ މުވައްޒަފުންނާއި ރާނީގެ އެސިސްޓެންޓް ޕްރައިވެޓް ސެކެރްޓެރީ އާއި ބަކިންހަމް ޕެލަސްގެ ބައެއް މުއައްޒަފުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ރާއްޖޭގެ ބޮޑުވަޒީރު އަހުމަދު ޒަކީ އާއި އެހެން ވެސް ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކޮށް އެ ވަފުދުން ވަނީ ރާނީގެ ދަތުރުފުޅާ ބެހޭ ކަންތައް ގެންދާނެ ޕްރޮގްރާމެއް ރާވައިފަ އެވެ.

މެކިންޓޮޝް އޭނާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޝާހީ ދަތުރުފުޅުގެ ކަންތައް މާބޮޑުނުކޮށް ވަރަށް ސާދާ ގޮތަކަށް ގެންދަން އެޓީމުން އެދުނު ކަމުގައި ވިޔަސް ރާއްޖޭގެ ރައީސް ހުންނެވީ އެ ވާހަކަ ގަބޫލުކުރައްވާ ގޮތަކަށް ނޫނެވެ. އެ ދަތުރުފުޅުގެ އެންމެހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ޚަރަދެއް ރާއްޖޭގެ ރައީސް ނާސިރު ހުންނެވީ ކުރައްވާ ގޮތަށެވެ.

"މާލެއަކީ ވަރަށް ސާފު ރަށަކަށް ވީ ނަމަވެސް އެއަށް ވުރެ ވެސް ސާފުކޮށް ހުދުކުރުމަކީ، އެހާ މުހިއްމު ކަމަކަށް ނުވިޔަސް ދިވެހީން ތިބީ މާލެ ހުދަށް ވުރެ ވެސް ހުދު ކުރުމަށް އަތުކުރި އޮޅައިލައިގެންނެވެ. މަތިމައްޗަށް ލަމުންދިޔަ ހުދުކުލަތަކުގެ އިތުރުން އުފަލާއި މުނާސަބާ ފާހަގަކުރުމުގެ ގިޑިގެތައް އަޅައި، އެތައް ހާސް ކުލަ ބޮކިތައްލައި ހުރިހާ މަގުތަކެއް ޒީނަތްތެރިކުރި އެވެ." ރާނީ ރާއްޖެއަށް ކުރެއްވި ޝާހީ ދަތުރުފުޅަށް ތައްޔާރުވި ގޮތާ ބެހޭ ގޮތުން އިނގިރޭސި ސަފީރު ލިޔުއްވާފައިވެ އެވެ.

އިނގިރޭސި ވިލާތުންނާއި ދިވެހި ރާއްޖެއިން އެފަދަ ޚާއްސަ ސަމާލުކަމެއް ދީގެން ކުއީން އެލިޒަބަތުގެ ދަތުރުފުޅު ރާއްޖެއަށް ހަމަޖެއްސެވި ސަބަބަކީ ކޮބައިތޯ ބަލައިލާއިރު ދެފަރާތުގެ ވެސް މައިގަނޑު ބޭނުމަކަށްވެފައި އޮތީ އެއްކަމެކެވެ.

"ޝާހީ ޒިޔާރަތުގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ މެމްބަރުންނަށް ލިބުނު މާއްދީ ފައިދާއަކީ، ދިވެހި ރާއްޖޭގެ ވަޒީރުންނާއި، އެހެނިހެން ރަސްމީ ފަރާތްތަކާ ގާތް ގުޅުމެއް އުފެއްދުމަށް ލިބުނު ފުރުސަތެވެ. މިކަމުން ކުރިޔަށް އޮތްތަނުގައި ފައިދާކުރާނެކަން ޔަގީނެވެ. އެހެން ގައުމުތަކާއި އަޅުގަނޑުމެންނާ ދެމެދުގައި މިހާރު ވެސް އޮތްފަދަ ފައިދާ ހުރި ގުޅުމެއް، ދިވެހި ރާއްޖެއާ އަޅުހަނޑުމެންނާ ދެމެދު ވެސް ބޭއްވޭނެ އެވެ." އިނގިރޭސި ސަފީރުގެ މި އިބާރަތުން ދޭހަވާ ގޮތުގައި ރާނީގެ ދަތުރުން އިނގިރޭސިން ހާސިލުކުރަން ބޭނުންވި ކަމަކީ ރާއްޖޭގެ ވެރިންގެ ރުހުން ހޯދުމެވެ.

އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ފިލުވައިލައި ރަހުމަތްތެރިކަން އާލާކުރުމެވެ. ސަފީރު ވިދާޅުވެފައިވާ ގޮތުގައި އެބޭނުން ކިތަންމެހާ ވެސް ފުރިހަމަކޮށް ފުދުނެވެ.

އިނގިރޭސިވިލާތުގެ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.

އިނގިރޭސި ސަރުކާރެކޭ އެއްފަދައިން ދިވެހި ސަރުކާރުން ވެސް ރާނީގެ ދަތުރުފުޅަށް އެހާ ޚާއްސަ ސަމާލުކަމެއް ދިނުގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ބަދަހިކުރުން ކަމުގައި އިނގިރޭސި ސަފީރު ގަބޫލު ކުރައްވަ އެވެ. އޭނާގެ ރިޕޯޓުގައި ރާއްޖޭގެ ރައީސް ނާސިރާ މެދު ލިޔުއްވާފައިވެ އެވެ.

"ޔަގީނުން ވެސް (ދިވެހީންގެ ފެންވަރުގައި) މި ދަތުރުފުޅަށް ހޭދަކުރިލެއް ދީލަތިކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް ވެސް އަދި ދިވެހީންނަށް ވެސް އެ ވިސްނަވައި ދެއްވީ ދެ ގައުމުގެ އެކުވެރިކަމާއި ރަނގަޅު ގުޅުމެއް އުފެއްދުމުގެ އެދުންފުޅުގައި އިޚުލާސްތެރިކަމާ އެކު ދިވެހި ރައީސް ހުންވި ކަމެވެ." އޭނާ ވިދާޅުވެފައިވެ އެވެ.

ރާނީގެ ދަތުރުފުޅު މެދުވެރިކޮށް އިނގިރޭސި ސަރުކާރުން ބޭނުންވި ގޮތަށް ދެ ސަރުކާރުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ދަތުރުފުޅު ނިމުނުއިރު އޮތީ ފިލައިގޮސް ގުޅުން އިތުރަށް ބަދަހިވުމަށް މަގު ފަހިވެފަ އެވެ. ރާނީގެ ދަތުރުފުޅުގެ އެންމެ ޚާއްސަ ކަމަކަށް އޮތީ ރާނީގެ އަތްޕުޅުން ދިވެހި ރާއްޖޭގެ ރައީސަށް ކޭސީއެމްޖީގެ މެޑަލް އެރުވުމެވެ. ދިވެހި ސަރުކާރުގެ ފަރާތުން ނިޝާން ޣާޒީގެ އިއްޒަތް ރާނީއަށް އެރުވުން ވެސް އޮތެވެ. ރާނީގެ ދަތުރުފުޅަކީ ދިވެހިންނަށް އެތައް ގޮތަކުން މުހިންމު ދަތުރުފުޅެކެވެ.