ރ. އިންނަމާދޫ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ އެސްޖޭ ކޮންސްޓްރަކްޝަން އިން ނުނިންމައި ފިލަން އުޅެނިކޮށް، އާންމުން ނުކުމެ އެކަން މިއަދު ހުއްޓުވައިފި އެވެ.
މަޖިދީމަގުގައި ހުންނަ ޒިކްރާ މިސްކިތް ހަދަން ކުރީގެ ސަރުކާރުން ހަވާލުކުރުމުން އެ މަސައްކަތް ވެސް ނުކުރުމުން ދައުލަތުން އިކުއިޓީގެ ގޮތުގައި ދެއްކި 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށް އެ ފައިސާ ދައްކަން އެސްޖޭއަށް އެންގި އެވެ. އަދި ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކޮށް އެ ކުންފުންޏަށް ކުރިން ދީފައިވާ 30 މިލިއަން ރުފިޔާ އާއި އިތުރަށް ހިނގާ ހަރަދުތައް ވެސް އެސްޖޭ އިން ދޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
2018 ވަނަ އަހަރު އެރަށުގެ ނަރުދަމާގެ މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ޖުމްލަ 11.5 މިލިއަން ރުފިޔާ އަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރި އެވެ.
އެހެންނަމަވެސް ހަވާލުކުރިތާ ފަސް އަހަރުވީ އިރުވެސް، އެ މަސައްކަތް ނުނިމުމާ ގުޅިގެން އިންނަމާދޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި މަސައްކަތް ނުނިންމައި އެސްޖޭ މީހުން ރަށުގެ ވަލު ދޮރާށިން ވެހިކަލްތަކާއެކު ފައިބަން އުޅުމުން އާންމުން ނިކުމެ، އެމީހުން ހުއްޓުވައި އިހުތިޖާޖު ކުރީ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ ރަށުގެ މީހުން ބުނާގޮތުގައި ނަރުދަމާގެ މަސައްކަތް ކޮށްފައި ވަނީ ކިހާ މިންވަރަކަށް ކަމެއް ވެސް އެ މީހުންނަކަށް ނޭނގެ އެވެ. އަދި މިކަމުގެ ރަށުގެ ކައުންސިލުގެ އިހުމާލުވާ ކަމަށް ވެސް އެރަށު މީހުން ބުނެ އެވެ.
އެ މަސައްކަތް ދީފައިވާ މުއްދަތުގައި ނުނިންމުމުން، މަސައްކަތް ކުރުމަށް މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ. އަދި އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އިރު ވެސް އެ މަސައްކަތް ނުނިމި ދިގުލާފައިވާތީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަން ބްލެކް ލިސްޓްކޮށްފާނެ ކަމުގެ އިޝާރާތެއް މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ދީފައިވެ އެވެ.
މަޖިލީހުގައި މީގެ ކުރިން ވެސް ބައެއް މެމްބަރުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަކީ ދައުލަތަށް ބަލަދު އަރާ ކުންފުންޏެއްތޯ ސުވާލުކޮށް، އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ނުގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެސްޖޭ އަކީ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ސްކޫލް އާ އިމާރާތް އެޅުމާއި ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ސ. މަރަދޫ ސްކޫލްގައި 12 ކްލާސް ރޫމް އެޅުމާއި، މަނިޔަފުށި މެރިކަލްޗާ ރިސާޗް ފެސިލިޓީ އިމާރާތް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން މަޑަވެލީގެ ނަރުދަމާ އާއި ހުޅުމާލޭގައި މިސްކިތެއް އެޅުން ވެސް ހިމެނެ އެވެ.