ދިމިޝްގު (11 ފެބްރުއަރީ) - ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ވެސް އެހީ ފޮނުވަން ސީރިއާ ސަރުކާރުން ނިންމައިފި އެވެ.
ފާއިތުވެ ދިޔަ 12އަހަރު ދާޚިލީ ހަނގުރާމައެއް ހިނގަމުން އަންނަ ހުޅަނގު އުތުރުގެ ސަރަހައްދަކީ ރައީސް ބަޝަރުލް އައްސަދުގެ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ.
މިހާތަނަށް އައިއިރު މި ސަބަބާ ހެދި އެ ސަރަހައްދުތަކަށް އިންސާނީ އެހީ ލިބިފައިވާ މިންވަރު ވަރަށް މަދެވެ. އެހެން ނަމަވެސް ސީރިއާގެ އެހެން ސަރަހައްދުތަކަށް ސަރުކާރުން އައީ މީގެ ކުރިން ވެސް އެހީ ފޯރުކޮށްދެމުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަރުކާރުން މި އެހީތައް ފޯރުކޮށްދޭނީ އދ.ގެ ޕްރޮގްރާމްތަކާއި ރެޑް ކްރޮސް އަދި އަރަބި ރެޑް ކްރެސެންޓްގެ އެހީގަ އެވެ.
ބިންހެލުމުގެ ކުރިން ވެސް އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައި ތިބި ހުޅަނގު އުތުރު ސީރިއާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އިން މިހާރު ވަނީ ފުޅާ ކެމްޕޭނެއް ފަށައިފަ އެވެ.
ސީރިއާގެ ސަރުކާރުން ވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އިދްލިބް، އަލެއްޕޯ އަދި ލަޓާކިޔާއަކީ ޑިސާސްޓާ ޒޯންތަކެއް ކަމުގައި ކަނޑައަޅައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް އެ ސަރަހައްދުތަކުގެއި ގާއިމުކުރާނެ ކަމަށް ބުނެފަ އެވެ.
ހޯމަ ދުވަހުގެ ބިންހެލުމުގައި ސީރިއާއިން މިހާތަނަށް 3200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފަ އެވެ. -- އަލް އަރަބިއްޔާ