ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފި އެވެ.

ޑީއާރުޕީގެ ލީޑަރު ކަމުން އިސްތިއުފާދިން ޖާބިރު އަލަށް ހަދާ ސިޔާސީ ޕާޓީއަކީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.. ތިމާވެށި، ޖާބިރަށް ހުއްދަ ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ޖާބިރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އޭނާއަށް އިލެކްޝަނުން ދީފައިވާ ކަން ހާމަކުރައްވާފަ އެވެ. އަދި އެ ޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޖާބިރު ވަނީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށް، އެޕާޓީގެ ލީޑަރުކަމުންނާއި، މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އީސީން ވަނީ ޕާޓީ އުވާލަން ވެސް ނިންމާފައި ކަމަށެވެ. ޑީއާރުޕީގައި 3،000 މެމްބަރުން ހަމަނުވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އީސީން އެ ޕާޓީއަށް އޮތީ އަންގައިފަ އެވެ. އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އަނެއްކާ ވެސް މިދިޔަ ހަފުތާގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ޑީއާރުޕީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަދަން ގާނޫނު ހުއްދަކުރުމުން ދެވަނައަށް އުފެއްދި އަދި ކުރީގެ އެންމެ ބޮޑު އެއް ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ޑީއާރުޕީ އުފެއްދެވީ ޖުލައި 21، 2005 ގަ އެވެ.