ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައި ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދަށް މަލާމާތްކޮށް ޖޯކު ޖެއްސެވުމުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މިމައްސަަލަ ހުށައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް އެވެ.
މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.
މި މައްސަލާގައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުރި މާރިޔާ އަހްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތް ކުރައްވާފައިވާކަން ފާހަގަކޮށްފަ އެވެ.
ސެމްބެ ވިދާޅުވީ އަބްދުސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު އެފަދަ ދަރިއަކާމެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވީ ދަށު ދަރަޖައިގެ ބަސްމަގު ކަމަށެވެ. އަދި ދިވެހި ސިފައިންނާ ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާ އިސްތިގްލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މި ގައުމު ސަލާމަތް ކުރުމަށް ކަމަރު ބަނދެގެން ތިބެ އެންމެ ފުރަތަމަ އެކަމަށް ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށްވާއިރު އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިހްލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާން ކޯރު ނުވާނެކަމަށް ސެމްބެ ފާހަގަކުރައްވާފައިވެ އެވެ.
'މާރިއާއަކީ މީގެ ކުރިންވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއްކަމަށް ސިފަ ކުރައްވާ ޖޯކު ޖައްސަވާ އާއްމުގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދު ބަސް ވިދާޅުވެފައިވާ ބޭފުޅެއް. އެފަދަ ބޭފުޅަކު އެ މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ނުކުރާ މިންވަރު ހާމަވާކަމެއް. ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެ ގައުމަށް ސަނާ ކިޔާ ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައި ގަނެވޭނެކަމެއް ނޫން" މައްސަލައިގައި ބުނެފައިވެ އެވެ.
އެހެންކަމުން އަބްދުސަމަދަށް މަލާމާތްކޮށް ޖޯކު ޖައްސަވާ މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތައް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މާފަށް އެދުމަށާއި މިފަދަ މަގާމެއްގައި ހުރެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސެމްބެ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަމަދަށް ޖޯކް ޖައްސަވަމުން މާރިޔާ ވިދާޅުވީ ސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބޭންދީ ފިނިކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް ރާއްޖެ އައި ގޮތަށް ސަމަދު ކީރިތި ކުރެއްވި ކަމަށެވެ.