މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ން ވަގަށް ނެގި ފައިސާގެ ތެރެއިން 37.9 މިލިޔަން ރުފިޔާ ހޯދަން އޭސީސީން އެމްއެމްޕީއާރުސީއަށް އަންގައިފި އެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި، ހ. ސްނޫޕީ އަސިމްއަށް ލިބުނު 2.4 މިލިއަން ޑޮލަރު ނުވަތަ 37.9 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް، މިމަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރުސީއަށް އަންގައިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. މިއީ ކޮންކަމަކާ ގުޅޭ ފައިސާއެއް ކަމެއް ވެސް އޭސީސީން ނުބުނެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުން އެ ފައިސާ ހޯދަން އަންގާފައި ވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މުގުލުގައި ހުރި އެކަކު ކަމަށްވާ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޒިޔަތުގެ ތިމާގެ މީހެއް ކަމަށް ހިމެނޭ އާސިމް އެވެ.

އޭސީސީން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި އެ ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނެ އެވެ. މީގެ ތެރޭގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މިހާރުގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކު ވެސް ހިމެނެ އެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތާ ގުޅިގެން މީގެ ކުރިން ބައެއް ފަރާތްތަކަށް ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ހިމެނެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރަ އެވެ.