ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ، ޑީއާރްޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ދެވަނަ ފަހަރަށް ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ޑީއާރުޕީން އުވާލަން އިލެކްޝަނުން ނިންމި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފަ އެވެ.

މި މައްސަލަ ހައިކޯޓަށް އެޕާޓީން ހުށަހެޅީ ޖެނުވަރީ މަހުގެ 23 ވަނަ ދުވަހުގަ އެވެ. ނަމަވެސް އެފަހަރު ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެއީ ކޯޓުން ބެލޭނެ މައްސަލައަކަށް ނުވާތީކަން އަންގާފަ އެވެ.

މައްސަލަ ބޭރުކޮށްލުމުން ޑީއާރްޕީން ވަނީ އަނެއްކާވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް މިފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީ ނުކޮށްދީ ބޭރުކޮށްލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ލީޑަރުކަމުގެ ދަށުން ހިންގި ޑީއާރްޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ 3000 މެމްބަރުން ހަމަނުވުމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން 3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް މެންބަރުން ހަމަވުމަށް އެކަށީގެންވާ މުހުލަތު ދިނުމަށްފަހު އެކަން ނުކޮށްފިނަމަ އެ ޕާޓީއެއް އުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.

ޑީއާރްޕީ އުވާލަން ނިންމާފައި ވަނީ އެ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ޖާބިރު އިއުލާން ކުރައްވާފައި ވަނިކޮށެވެ.