ކީވް (21 ފެބްރުއަރީ) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް އެއް އަހަރު ފުރުމާ ދިމާކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންއަށް ޒިޔާރަތް ކުރައްވައިފި އެވެ.

ކުރިން އިއުލާން ނުކުރައްވައި މިއަދު ކުރެއްވެވި މި ޒިއާރަތުގައި ބައިޑަން ވަނީ ރަޝިއާއާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ރަޝިއާއާ ދެކޮޅަށް ޔޫކްރެއިން އަސްކަރިއްޔާ ވަރުގަދަ ކުރަން ބޭނުންވާ އަސްކަރީ އެހީވެސް ފޯރުކޮށްދޭނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. އެ އެހީގެ ތެރޭގައި ދުރު ރާސްތާ މިސައިލްތަކާއި އެހެނިހެން ބަރު ހަތިޔާރުވެސް ހިމެނޭނެ ކަމަށްވެ އެވެ.

ބައިޑަންގެ ޒިއާރަތުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާއެކު ބޭއްވި ބައްދަލުވުމުގައި ބައިޑަން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންއަށް ބޮޑެތި ގުރުބާނީތަކެއް ވާން ޖެހުނު ކަމަށާއި އެކަމުގައި އެގައުމުން ދެއްކި ނަމޫނާ ފާހަގަ ކުރަންޖެހޭ ކަމަށެވެ.

އެ ދަތުރުފުޅަކީ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން ޔޫކްރެއިންއަށް އޮތް ތާއީދު އިތުރަށް ޔަގީންކޮށް އެރުވުމަށްޓަކައި ކުރެއްވި ދަތުރުކުޅެއް ކަމެށް ވެސް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާއަކީ ޔޫކްރެއިން ހަނގުރާމައިގައި އެގައުމަށް އެންމެ ގިނައިން އަސްކަރީ އެހީ ފޮނުވި އެއްގައުމެވެ. އޭގެ އިތުރުން އެމެރިކާއިން ވަނީ ރަޝިއާއަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފެށުނު ހަނގުރާމައަށް އަންނަ ހުކުރު ދުވަހު އެއް އަހަރު ފުރޭނެ އެވެ. -- އަލް އަރަބިއްޔާ