އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަރިކަ ކޮމިޓީގެ ހަ މެމްބަރަކު އައްޑުއަށް ވަޑައިގެންފި އެވެ.
މިމައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މި ކޮމިޓީގެ ބޭފުޅުން އައްޑޫ އެއާޕޯޓާއި، ސިޓީ ކައުންސިލާއި އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)އާއި އެތަނުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި، އެ މައްސަލަތައް މަޝްވަރާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ފްލައިން ސްކޫލްގެ މައްސަލައިގައި ދަރިވަރުން ކަންބޮޑުވުން ފާޅުކުރާތާ އެތައް ދުވަހެއްވަނީ ވެފަ އެވެ. މިޝަކުވާތަކާހެދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ސަރުކާރުގެ އިދާރާތަކުން ކޮށްފައެއް ނުވެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ދާދިފަހުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ފްލައިން ސްކޫލްގެ ދަރިވަރުން ވަނީ ނައިބު ރައީސާ ބައްދަލުކޮށް ޝަކުވާތައް ހުށަހަޅާފަ އެވެ. އެމަނިކުފާނެ ވެސް ވިދާޅު ވަނީ އެ މައްސަލަ ޙައްލު ކޮށްދެއްވާނެ ކަމަށެވެ.
އެ ސްކޫލުން ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާތީ އެމައްސަލަ މިހާރުދަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ފުލުހުންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވެސް މި މައްސަލަ މިނިސްޓްރީން ވަނީ ހުށަހަޅާފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން އަދި އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައި މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވެސް ވަނީ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނުނަގަން ސްކޫލަށް އަންގާފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ފީ ނަގަމުން އަންނަނީ ޑޮލަރުންނެވެ.
އެ ފްލައިން ސްކޫލުގައި މިހާރު 175 ދަރިވަރުން ތައުލީމު ހާސިލުކުރާއިރު ކިޔަވައިދޭން ތިބޭ އިންސްޓްރެކްޓަރުންގެ އަދަދު މަދު ކަމަށް ދަރިވަރުން ބުނެ އެވެ. އަދި ދަތިތަކާއި ދިމާވެގެން މެނޭޖްމަންޓްގެ ސަމާލުކަމަށް އެކަން ގެންނަ ހިސާބުން ދަރިވަރުންނަށް ބިރު ދައްކަމުންދާ ކަމަށާއި އަދި އެތަނުގައި ތައުލީމު ހާސިލްކުރަމުން އަންނަ ގިނަ ދަރިވަރުންނަކީ ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުން ކަމަށާއި، ކޯސް ނުނިމި ދިގުދެމިގެން ދިޔުމުން ދަރިވަރުންގެ އަތުން ބޮޑު ޚަރަދެއްދާކަން ވެސް ދަރިވަރުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެ އެވެ.
ފްލައިން ސްކޫލްގެ ކޯސްތައް ނިންމުން ދިގުލައި ދިއުމުގައި އެ ސްކޫލްގެ އިހުމާލު އޮތުމާއި ދަރިވަރުން ވަކިކުރާ މައްސަލައާއި އަދި ދަރިވަރުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައިގައި އެ ދަރިވަރުން ވަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއްސަސަސާތަކާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލިސް ވެސް ހިމެނެ އެވެ. ނަމަވެސް މިމައްސަލައަށް އެއްވެސް ހައްލެއް ނާންނާތީ ސޯޝަލް މީޑިއާގައި ދަރިވަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.