ކިޔޭވް (ފެބްރުއަރީ 23) - ރަޝިޔާ އިން ޔުކްރޭނަށް ވަރުގަދަ އަށް ހަމަލާތައް ދެމުން ދަނިކޮށް އެމެރިކާގެ ރައީސަކު ވެރިރަށް ކިޔޭވަށް ވަޑައިގެންފާނެ ކަމަށް ގަބޫލްކުރާނެ މީހުން މަދުވާނެ އެވެ. ނަމަވެސް ދުނިޔޭގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައިވާ ރައީސް އެ ވަނީ ހަމަލާތަކުގެ މެދުތެރޭން ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސްއާ ބައްދަލު ކުރައްވައިފަ އެވެ.

ބައިޑަން ނުރައްކާތެރި އެ ދަތުރުކުރެއްވި ގޮތް ކުރިން އޮތީ ސިއްރުކޮށްފަ އެވެ. އެ ދަތުރާ ބެހޭ މައުލޫމާތު އެނގެނީ ވެސް މަދު ބަޔަކަށެވެ. ވައިޓް ހައުސްގެ އޮފިޝަލުން ވެސް އެ ދަތުރާ ބެހޭ މައުލޫމާތު ނޫސްވެރިންނަކަށް ނުދެ އެވެ. ވެލަންޓިއަންސް ޑޭ އިހްތިފާލުތަކުގައި ހަފުތާ ބަންދުގައި ވޮޝިންޓަނުގެ ރެސްޓޯރަންޓަކަށް ވަޑައިގަތުމަށް ފަހު ވައިޓް ހައުސް އަށް ވަޑައިގެންނެވީ އެރޭ ވަރަށް ދަންވި ފަހުންނެވެ.

ރައީސް ބައިޑަންގެ ހަފުތާގެ ޝެޑިއުލްގައިވާ ގޮތުން ޕޮލެންޑަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭ 7 ޖަހާއިރު އެވެ. އެކަމަކު ބައިޑަން އެމެރިކާގައި އާދިއްތަ ދުވަހު ވަޑައިގެން ނެތް ކަމެއް ވައިޓް ހައުސްގައި ތިބޭ ނޫސްވެރިންނަކަށް ވެސް ނޭނގެ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން އާދިއްތަ ދުވަހު ހެނދުނު ވެސް ވިދާޅުވަމުން ގެންދެވީ ބައިޑަން ޔުކްރޭނަށް ވަޑައިގަތުމަށް ހަމަޖެހިފައި ނެތް ކަމަށެވެ. އެކަމަކު އެ އޮފިޝަލުން އެހެން ވިދާޅުވަމުން ގެންދެވި އިރު ބައިޑަން ވަނީ ޔުކްރޭނަށް ފުރާވަޑައިގެންފަ އެވެ. ބައިޑަންގެ އެ ދަތުރަށް ވޮޝިންޓަނުން ފުރާވަޑައިގެންނެވީ އާދިއްތަ ދުވަހުގެ ފަތިހު 4:15 ގަ އެވެ.

ހަނގުރާމަ ހިނގާ ގައުމުތަކަށް އެމެރިކާގެ ކުރީގެ ރައީސުން ވަޑައިގަތުމާ ބައިޑަން މި ފަހަރު ޔުކްރޭނަށް ވަޑައިގަތުން ވަރަށް ތަފާތެވެ. ހަނގުރާމަ ކުރިއަށް ދަނިކޮށް އިރާގާއި އަފްޣާނިސްތާނަށް އެމެރިކާގެ ރައީސުން ކުރިން ވަޑައިގެންވިއިރު އެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ވަރުގަދަ ފައުޖެއް އޮވެ އެވެ. އެމެރިކާގެ ރައީސަށް ހުރިހާ ގޮތަކުން ވެސް ހިމާޔަތް އޮވެ އެވެ. އެކަމަކު ޔުކްރޭނަށް ބައިޑަން ވަޑައިގެންނެވި އިރު އެމެރިކާ ސިފައިން އެ ގައުމަކު ނެތެވެ. މި ހުރިހާ ކަމާ އެކު ބައިޑަން ޔުކްރޭނަށް ވަޑައިގަތުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.

ފޯނު ނެތި ރޭލުގައި 10 ގަޑިއިރު

ބައިޑަން ޔުކްރޭނަށް ވަޑައިގަންނަވާތޯ ވައިޓް ހައުސްގައި ތިބޭ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔަ ނަމަވެސް އޮފިޝަލުން ޖަވާބު ދެމުން ގެންދިޔައީ ޔުކްރޭނަށް ވަޑައިގެން ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ނަަމަވެސް ވެރިރަށް ކިޔޭވަށް ބައިޑަން ވަޑައިގެން ޒެލެންސްކީއާ ބައްދަލު ކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު މި ދަތުރު ޕްލޭން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ބައިޑެން ޔުކްރޭނަށް ވަޑައިގެން ރިޔާސީ ގަނޑުވަރުގައި ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:ސީއެންއެން

ޔުކްރޭން ދަތުރަށް ވޮޝިންޓަނުން ފުރި މަތިންދާ ބޯޓުގައި ބައިޑަންއާ އެކު ތިއްބެވީ އެމަނިކުފާނުގެ ވަރަށް އަރިސް މަދު ބޭފުޅުން ކޮޅެކެވެ. ދަތުރުގައި ބައިވެރިކުރީ އެންމެ ދެ ނޫސްވެރިންނެވެ. ފޮޓޯގްރާފަރަކާއި ނޫސްވެރިއެކެވެ. އެ މީހުންގެ މޯބައިލް ފޯނު ވަނީ އަތުލައިފަ އެވެ. ޔުކްރޭންގެ ވެރިރަށް ކިޔޭވަށް ދިއުމުގެ ކުރިން ދަތުރާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ނޫސްވެރިން ލައްވައި ވަނީ ހުވާކުރުވައިފަ އެވެ.

ބައިޑަން ޔުކްރޭނަށް ވަޑައިގަންނަވާކަން ކުރިން ވަނީ ރަޝިޔާ އަށް އަންގައިފަ އެވެ. އެއީ ސަލާމަތީ ސަބަބަކަށްޓަކަ އެވެ. ކުރިން ނާންގައި ބައިޑަން ޔުކްރޭނަށް ވަޑައިގެން އުޅުއްވަނިކޮށް ރަޝިޔާގެ ހަމަލާއެއްގައި އެމަނިކުފާނަށް ގެއްލުމެއް ލިބިވަޑައިގެންނެވި ނަމަވެސް އެކަމުގެ ޒިންމާއިން ރަޝިޔާ ރެކޭނެ ފުރުސަތު ނުދިނުމަށެވެ.

ބައިޑަންގެ ސަލާމަތީ އޮފިޝަލުން ވަނީ ކިޔޭވް ފިޔަވައި ޔުކްރޭނުގެ އެހެން ރަށަކަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރަން ލަފާ ދެއްވައިފަ އެވެ. ނަމަވެސް ބައިޑަން ބޭނުންފުޅުވީ ސީދާ ކިޔޭވަށް ވަޑައިގަތުމަށެވެ. އެމަނިކުފާން ކިޔޭވަށް ވަޑައިގެންނެވި އިރު ވެސް ހަމަލާގެ ސައިރަންގެ އަޑު އިވެމުން ދިޔަ އެވެ.

ޕޮލެންޑަށް ވަޑައގަތުމަށް ފަހު ޔުކްރޭނުގެ ވެރިރަށް ކިޔޭވަށް ރޭލުގައި ވަޑައިގަތުމަށް ބައިޑަން 10 ގަޑިއިރު ހޭދަކުރެއްވި އެވެ. އެ ވަގުތުތަކުގައި ވެސް ރަޝިޔާގެ މިސައިލް ހަމަލާތައް ދިޔައީ ޔުކްރޭނަށް އަމާޒުވަމުންނެވެ.

ބައިޑަންގެ މި ނުރައްކަލުން ފުރިފައިވާ އެކަމަކު މުހިންމު ދަތުރުން ދުނިޔެ އަށް ދިން މެސެޖަކީ ހަނގުރާމައިގައި ޔުކްރޭންއާ އެކު އެމެރިކާ ވާކަމެވެ.