މާބަނޑު ދުވަސްވަރު ނުވަތަ ގާތުން ކިރުދޭ ދުވަސްވަރު ކެއުމުގައި ކަނޑުމަސް ބޭނުންކުރާ އަންހެނުންގެ ދަރިންނަށް ކާއެއްޗެހީގެ އެލާޖީތަކާއި، އެސްތުމާ (ނޭވާހިއްލުން)، އެކްޒެމާ އަދި މޫސުމީ އެލާޖީތައް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި އޮމެގާ 3 ފެޓީ އެސިޑްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ކަނޑުމަހާއި ބިސް، ކުޑަކުދިންގެ އުމުރުން 11 މަސް ވުމުގެ ކުރިން އެކުދިންނަށް ކާންދޭން ފެށުމަކީ، އެކިއެކި އެލާޖީތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

"އާއިލާގައި ކަނޑުމަސް ބޭނުންކުރާ މިންވަރު އިތުރުވުމަކީ އެލާޖީތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް"، ސްވިޑެންގެ ޝެލްމާސް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ކެރިން ޖޮންސަން ވިދާޅުވި އެވެ.

އެކުދިންގެ ދިރިއުޅުމުގައި އަވަހަށް ކަނޑުމަހާއި، ބިސް އަދި ފުށް ކާން ފަށާ ކުދިންގެ ގައިގައި އެލާޖީތައް ހުންނަ މިންވަރު ކުޑަކަމަށް ފާހަގަވެ އެވެ. އެއީ އެކުދިންގެ ލޭގައި އޮމެގާ 3 ހުންނަ މިންވަރު ގިނަވީމަ އެވެ.

ނަތީޖާތަކުން ދެއްކި ގޮތުގައި އުފަންވާ އިރާއި އަދި އުމުރުން ހަތަރު މަހުގައި، ދުޅަހެޔޮ ކުދިންގެ ލޭގައި އޮމެގާ 3 ފެޓީ އެސިޑް ކަމަށްވާ އީކޯސެޕެންޓެނޯއިކް އެސިޑް ހުންނަ މިންވަރު ގިނަ އެވެ.

"އެއީ މައިމީހާ ފެޓީ ކަނޑުމަސް ކާ މިންވަރާއި ގުޅިފައިވާ ކަމެއް. އެކުދިންގެ ލޭގައި އޮމެގާ 3 ގިނައިން ހުންނަ ކުދިންގެ މައިންނަކީ މާބަނޑު ދުވަސްވަރާއި ގާތުން ކިރު ދިންއިރު ވަރަށް ގިނައިން ކަނޑު މަސް ކައިއުޅުނު މީހުން. އެކަން ގާދުންދޭ ކިރުންވެސް ސާބިތުވޭ"، ޖޮންސަން ކިޔައިދިނެވެ.