ކޮފީގެ އެކި ވައްތަރުތައް ކުންފުނިތަކުން ހަދާ ވިއްކަ އެވެ. އެެހެން ނަމަވެސް އޭގެ ތެރެއިން ވައިގައި ހިފަނީ މަދު ވައްތަރެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މިފަހަރުވެސް މިއޮތީ އާ ވައްތަރެއްގެ ކޮފީ އެކެވެ. އޮލިވް އޮއިލް ކޮފީ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކޮފީ ޝޮފް ޗެއިން ކަމަށްވާ ސްޓާބަކްސްއިން މިވަނީ އޮލިވް އޮއިލްގެ ރަހަ އެކުލަވާލައިގެން ކޮފީއެއް ތައާރަފް ކޮށްފަ އެވެ.
އޮލިވް އޮއިލް އިންފިއުޒްޑް ކޮފީ އިޓަލީގެ އައުޓްލެޓްތަކުގައި އިއްޔެ ވިއްކަން ފަށާފައިވާއިރު ވަރަށް އަވަހަށް އިނގިރޭސި ވިލާތުގެ ބާޒާރަށް ވެސް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކޮފީއަކީ އޮލިވް އޮއިލްގެ ސިއްހީ ފައިދާތަކާއި ކޮފީގެ މީރު ރަހަ އެއްކޮށްގެން ތައްޔާރު ކޮށްފައިވާ ކޮފީއެއް ކަމަށް ސްޓާބަކްސްއިން ވަނީ ބުނެފަ އެވެ.
އޮލިވް އޮއިލް ކޮފީ ތައާރަފް ކޮށްގެން ތިން ދުވަސް ވެފައިވާއިރު އެ އުފެއްދުމަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަ ކަމަށް ކުންފުނިން ފާހަގަ ކުރެ އެވެ.
ސްޓާބަކްސްއަކީ އާދައިގެ ކޮފީގެ އިތުރުން ތަފާތު އެހެނިހެން ފްލޭވާތަކުގެ ކޮފީވެސް ވިއްކަމުން އަންނަ އާއްމުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ.