ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ނޮކިއާ ބައްތި ފޯނެއް ގެންގުޅެފައިނުވާ މީހަކު އަހަރުމެންގެ މަދުވާނެ އެވެ. އެ ފޯނުތަކުގެ ޑިޒައިނާއި ލޯގޯއަކީ އަހަރުމެންގެ ހިތުގައި ބިންވަޅު ނެގިފައިވާ އެއްޗެއްސެވެ. ސްމާޓް ފޯނުގެ ޒަމާން އައުމުގެ ކުރިން އެއީ ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވި ފޯން ބްރޭންޑެވެ.

އެހެން ނަމަވެސް އެ ޒަމާންވީ ބްރޭންޑްގެ "އާސާރީ" ލޯގޯ މިހާރު ބަދަލު ކުރަން އެކުންފުނިން މިވަނީ ނިންމާފަ އެވެ.. މީގެ ވިއްސަކަށް އަހަރު ކުރިން ނޮކިއާ ފޯނުތައް ވައިގައި ހިފިއިރު ފެނުނު ލޯގޯއާއި މިހާރު އަލަށް ދައްކާލާފައިވާ ލޯގޯގައި ހާސްބައި ތަފާތު އެބަހުއްޓެވެ.

އާދީއްތަ ދުވަހު ނޮކިއާއިން ކުރި އެ އިއުލާނުގައި ބުނެފައިވަނީ ލޯގޯ ބަދަލު ކުރުމަކީ އެ ކުންފުނީގެ ޑިވެލޮޕްމަންޓް ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށެވެ.

ނޮކިއާގެ ލޯގޯ ބަދަލު ކުރަން އެކުންފުނިން ނިންމާފައި މިވަނީ ގާތްގަނޑަކަށް 60 އަހަރަށްފަހު އެވެ. އެންމެ ފަހުން އެކުންފުނިން ބޭނުން ކުރަމުން އައި ލޯގޯ ބޭނުން ކުރަން ފަށާފައިވަނީ 1966 ވަނަ އަހަރު އެވެ.

ނޮކިއާއިން އަލަށް ދައްކާލާފައިވާ އެކުންފުނީގެ ލޯގޯއިން ފާހަގަ ކުރެވޭ އެންމެ ބޮޑު ތަފާތަކީ އޭގެ ކުލަތަކެވެ. މީގެ ކުރިން ބޭނުން ކުރަމުން އައި ލޯގޯއަކީ ހުދު ބެކްގްރައުންޑްއެއްގައި ނޫކުލައިން ނޮކިއާގެ ނަން ޖަހާފައިވާ ލޯގޯއަކަށް ވި ނަމަވެސް މިފަހަރުގެ ލޯގޯގެ ބެކްގްރައުންޑްގައި ތަފާތު ކުލަތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިޔާތޮށި، ފެހި އަދި ނޫކުލަ ހިމެނެ އެވެ.

އޭގެ އިތުރުން ދެން ފެންނަ ތަފާތަކީ ނޮކިއާގެ ނަން ޖަހާފައިވާ ފޮންޓް ސްޓައިލެވެ. ކުރީގެ ލޯގޯގައި ބޭނުން ކޮށްފައިވަނީ ވަރަށް އާދައިގެ ފޮންޓެއް ނަމަވެސް އާ ލޯގޯގައި ބޭނުންކޮށްފައިވާ ފޮންޓަކީ ޒަމާނީ ރީތި ފޮންޓެކެެވެ.

ނޮކިއާގެ އަމާޒަކީ ވާދަވެރި ޓެކްނޮލޮޖީ ދާއިރާގައި އެކުންފުނީގެ ޖާގަ އަލުން ހޯދުން ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.