ޕީޕީއެމް ޕީއެންސީން އިއްޔެ ޖަމްއިއްޔަތުއް ސަލަފާ ބައްދަލުކުރުމުން އަދާލަތު ޕާޓީން ވަރަށް ބޮޑަށް
ހިތްހަމަ ނުޖެހިއްޖެ އެވެ.
މި ބައްދަލުވުމާ ގުޅިގެން އަދާލަތު ޕާޓީއަށް ނިސްބަތްވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ކުރެއްވި ސިލްސިލާ ޓުވީޓުތަކެއްގައި ޖަމްއިއްޔަތުއް ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ސަލަފު ޖަމްއިއްޔާއަކީ ކުރިއަށް ނިކުމެ ފާޅުގައި ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލައި ތިބެ ސިޔާސީ މަސައްކަތްކުރަން ހެދި ޖަމާއަތެއް ކަމަށެވެ. އަދި އެކަން ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު ހިނގުމަކީ ހިތާމައެއްކަމަށްވެސް އޭނާގެ ޓުވީޓުގައި ވެ އެވެ. ސިޔާސީ ޕާޓީތަކާއެކު އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކޮށް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަންވާނީ އިލެކްޝަންސް އެމްވީގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށާއ އިސްލާމީ ދައުވަތަށް ހާލިސް ޖަމްއިއްޔާތައް ހިންގަންވާނީ ގާނޫނުގެ ތަރަހައިގެ ތެރެއިންކަމަށްވެސް ބުނެފައިވެ އެވެ.
ނަޒީރުވަނީ ގާނޫނުގެ އިމުން ބޭރުވާ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާ ނަސޭހަތްތެރިވެ އެކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ ޖަމްއިއްޔަތުއް ސަލަފަށް ފިޔަވަޅުއަޅަންވެސް ނަޒީރުވަނީ ގޮވާލާފަ އެވެ.
އިދިކޮޅުން އިއްޔެ ވަނީ ޖަމްއިއްޔަތުއް ސަލަފާއި ބައްދަލުކޮށްފަ އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް އެޕާޓީންވަނީ ހާމަކޮށްފަ އެވެ. ހަމަ އެއާއެކު ސަލަފުންވެސް ވަނީ އިދިކޮޅާ އިއްޔެ ބައްދަލުކޮށް މަޝްވަރާ ކުރިކަން ހާމަ ކޮށްފަ އެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީއާވެސް މީގެ ކުރިން ބައްދަލު ކުރި ކަމަށް ޖަމްއިއްޔަތުއް ސަލަފުން ހާމަކޮށްފައިވެ އެވެ.