އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން މާކަލް އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ގެކޮޅު ހުސްކުރަން އަންގައިފި އެވެ.
އެ ދެކަނބަލުންގެ ތަރުޖަމާނަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ވިންޑްސާ ކާސަލްގެ ބޭރުން ހުންނަ ފްރޮގްމޯ ކޮޓޭޖް ދޫކޮށްލައްވަން ރަސްމީ ގޮތުން އަންގާފައިވާ ކަމަށެވެ.
ފްރޮގްމޯ ކޮޓޭޖްއަކީ ހެރީއާއި މޭގަންގެ ކައިވެންޏާ ގުޅިގެން ރާނީ އެލިޒަބަތު އެ ދެކަނބަލުންނަށް ހަދިޔާއަކަށް އެރުވި ގެކޮޅެކެވެ. ހަބަރުތައް ބުނާ ގޮތުގައި އެ ގެކޮޅު އަތުލައްވަން އަމުރުކުރެއްވީ މިހާރުގެ ރަސްކަލުން އަދި ހެރީގެ ބައްޕާފުޅު ޗާލްސް ރަސްގެފާނެވެ.
2018 ވަނަ އަހަރު ގެކޮޅު ލިބިވަޑައިގަތުމުން ހެރީ ވަނީ 2.4 މިލިއަން ޔޫރޯ ހަރަދު ކުރައްވައި ގެކޮޅުގެ އާބާތުރަ ފިލުވައި ރީތި ކުރައްވާފަ އެވެ.
މިދިޔަ އަހަރު ހެރީއާއި މޭގަން އެ ދެކަނބަލުންގެ އަންހެން ދަރިކަނބަލުންގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ ވެސް އެ ގެކޮޅުގަ އެވެ.
މި ނިންމުން އައިސްފައި މިވަނީ ޝާހީ އާއިލާއާއެކު އޮތް ގުޅުންތަކަށް އަލިއަޅުއްވާ ހެރީ ނެރުއްވި "ދަ ސްޕެއާ" ފޮތް ނެރުނުތާ ހަފްތާއެއް ފަހުންނެވެ.
މިއާއެކު ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާއާ އޮތް އެންމެ ފަހުގެ ގުޅުން ވެސް ކެނޑުނީ ކަމުގައި ބުނެވިދާނެ އެވެ. 2020 ވަނަ އަހަރު ޝާހީ ޒިންމާތައް ދޫކޮށްލެއްވުމަށްފަހު މިހާރު އެދެކަނބަލުން ދިރިއުޅުއްވަނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ.