ކޮންމެ އިންތިޚާބަކާ ދިމާކޮށް މަޝްރޫއުތައް ހިންގާ ގޮތަށް ރާއްޖޭގައި އޮތް ސަގާފަތް މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށާއި މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިހާބުތަކާއި ދިމާކޮށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫގައި ހެދި ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެރަށުގެ ތަރައްގީއަށް ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ރަށުގައި ކުރިއަށްދާއިރު، ރައްޔިތުންނަށް އޮތް ޔަގީންކަމަކީ އެ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގައި ހުރި އަސާސީ އެތައް ކަމެއް ނުކުރެވި ފުނިޖެހިފައި ހުރި މަންޒަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފެނިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާއާއި ތަޢުލީމާއި ސިއްހީ އަދި ލަފާފުރުމުގެ ދަތިކަން ގިނަ ރަށްރަށަށް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން މިހާތަނަށް ނުވެ އޮތީ އިންތިޚާބުތަކަށް ފަށާ މަޝްރޫއުތަކެއްގެ ގޮތުގައި އޭރުގެ ސަރުކާރުތަކުން އެކަންކަން ކުރަމުންދިއުމުގެ ސަބަބުން ކަމަށެވެ.

ތ. ހިރިލަންދޫއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަޝްރޫއުތައް ހިންގާގޮތަށް ރާއްޖޭގައި އޮތް ސަގާފަތް މިސަރުކާރުން ބަދަލުކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިހާބުތަކާއި ދިމާކޮށް ނޫންކަ މަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްގީކުރުން ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީ ވެގެން. ރައްޔިތުން ތަރައްގީ ވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރަތަމަ ފޯރުކޮށްދެވިގެން. ރަށްރަށުގައި އާއިލާއަށް ހަމަޖެހިގެން އުޅޭވޭނެ ގޮތްތަކެއް ހަދައިދީގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "މީގެ ކުރިން ސަރުކާރުތަކުން ކަންތައް ކުރަމުން އައިސްފައިވާގޮތުގެ ތަފްސީލަށް ނުދިޔަ ނަމަވެސް ކުރަން ފަށާފައިހުރި މަސައްކަތްތަކުން ފެންނަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިޚާބަކަށް ތައްޔާރުވާތަން. ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ދިމަދިމާލަށް ކުރުން. އެއީ މި ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ކަން ކުރަމުން އައި ގޮތް. ނަތީޖާއަކީ ރާއްޖެއަށް ލިބޭ އާމްދަނީއާއި ބަލާއިރު ރާއްޖެ ތަރައްޤީވާން ޖެހޭ މިންވަރަށް ތަރައްޤީ ނުވެ އޮތުން."

ތ. ހިރިލަންދޫ ފެނަކަ އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ހިރިލަންދޫ އަކީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށް ވިދާޅުވި އެވެ. އެގޮތުން އެރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަމުގެ މަސައްކަތްތަކާއި ފައިބަރު މަސައްކަތްތަށް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަސާސީ ޚިދުމަތްތައް ނެތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުން ނިންމަވާނީ ގޮތް. ތަރައްގީއަށް ކުރަން ފަށާފައިވާ މި މަސައްކަތްތަކާއިގެން ކުރިއަށް ދާނީތޯ ނޫނީ މަޑުޖެހި ތިބޭނީތޯ ވަރަށް ސާފު. އެކަން ތިބޭފުޅުން ނިންމަވާނީ ވިސްނުންތެރިކަމާއެކު. އެގޮތުން ރަށްރަށުގައި ހުރި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަކީ މިހާރު އަސާސީ ޚިދުމަތަތެއްގެ ގޮތުގައި ލިބެންޖެހޭ. ވަކި ފަރުދުންގެ ކުރިއެރުމާ އިގްތިސޯދަށް ކަރަންޓަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިހާތަނަށް ކަރަންޓު ލިބުނު ނަމަވެސް ގިނަ ރަށްރަށުގައި އެކަން އޮތީ ރައްޔިތުންނަށް ބޮޑު ވޭނަކަށްވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކުރިއަށް އޮތް 50 އަހަރަށް މާބޮޑު ބަދަލެއް ނުގެނެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ޕްލޭނާއެކު ކަމަށެވެ.

ތ. ހިރިލަންދޫ ފެނަކަ އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ހިރިލަންދޫގައި ރައީސް ހުޅުއްވައިދެއްވި ފެނަކަ އާ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އިމާރާތެކެވެ. ކުރިން އެރަށުގައި ކަރަންޓު ދިނުމަށް ހިންގި އޮފީހަކީ 9 ފޫޓް 15 ފޫޓުގެ ކުޑަ އޮފީހެއް ނަމަވެސް، އާ އޮފީހަކީ 50 ފޫޓް 35 ފޫޓުގެ ޖާގަ ތަނަވަސް އިމާރާތެކެވެ.

ރައީސް ވިދާޅުވީ އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާރު 3 ޖަނަރޭޓަރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުން ބޭނުންވާ މަޝްރޫއުތައް އެރަށުގައި ހިންގައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސްގެ ވާހަކަފުޅުގައި ދެއްވި އެވެ.