ކޮންމެ މީހަކަށް ވެސް އެމީހެއްގެ ކައިވެނީގެ ދުވަހަކީ ހާއްސަ ދުވަހެކެވެ. ދެކެމުން އައި ހުވަފެން ތަކުގައި ކުލަ ޖެހޭ ދުވަހެވެ. އެހެން ކަމުން ހަމަ ކޮންމެ މީހަކު ވެސް އެ ދުވަހަށް ތައްޔާރުވަނީ އެގޮތުގެ މަތިންނެވެ.
އެހެން ނަމަވެސް އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ އަންހެނަކަށް އެ ދުވަސް ވެފައިވަނީ އޭނާގެ އެންމެ ފަހުގެ ދުވަހަށެވެ. އާ ހަޔާތެއްގެ އުއްމީދުގައި ކުރަމުން ދިޔަ ކައިވެނީގެ ތެރެއިން އޭނާގެ ހަޔާތުގެ ހުޅުކޮޅު ނިވުނީ އެވެ.
ކައިވެނީގެ ހަފްލާތަކުގެ ތެރެއިން ހޭޓަލް ނަމަކަށް ކިޔާ އެ އަންހެން މީހާ އަނބުރައިގަނެ ވެއްޓުނީ އެވެ. ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ހާޓްއެޓޭކެއް ޖެހި މަރުވެފައިވާ ކަމެވެ.
އާއިލާއަށް ލިބުނު ކުއްލި ސިހުމާއެކު ވެސް ކުރިއަށް ގެންދިޔަ ކައިވެނީގެ ހަފްލާތައް ހުއްޓާލާކަށް އެމީހުން ބޭނުމެއް ނުވި އެވެ. އެހެން ކަމުން ހޭޓަލްގެ ބަދަލުގައި އެ ކައިވެނި އޭނާގެ ކޮއްކޮ އެވެ.
ކައިވެނީގެ ހުރިހާ ކަމެއް ނިމެންދެން ހޭޓަލްގެ ހަށިގަނޑު އޮތީ މޯޗަރީގައި ކަމަށާއި ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިޔައީ އޭގެ ފަހުން ކަމަށް ހަބަރުތައް ބުނެ އެވެ.
ހޭޓަލް މަރުވުމުން އޭނާގެ އާއިލާއިން ކަންތައް ކުރި ގޮތަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އާއިލާގެ ދަރިއަކު މަރުވުމުން ވެސް އެމީހުންނަށް މުހިއްމުވީ ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދިއުން ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ހަމެއެއާއެކު ހޭޓަލްގެ ބަދަލުގައި އޭނާގެ ކޮއްކޮ ކައިވެނި ކުރުވުމަކީ ވެސް ކޮއްކޮއަށް ކުރެވުނު ބޭއިންސާފެއް ކަމަށާއި އޭނާގެ ހުވަފެންތަކަށް ވެސް އާއިލާއިން ފަރުވާލެއް ނުބަހައްޓާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ކައިވެންޏަށް ކުރި ޚަރަދު ސަލާމަތް ކުރުން އާއިލާގެ ދެ ދަރިންނަށް ވުރެ އެ އާއިލާއަށް މާ މުހިއްމު" ޓްވިޓާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.
ބުނެވޭ ގޮތުގައި ކައިވެނީގެ ކަންތައް ނިމިފައިވާއިރު ހޭޓަލްގެ ކޮއްކޮ ވަނީ ފިރިމީހާއާއެކު ގޮސްފަ އެވެ.